Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އުޅަނދުތަކަށް ފްރީ ސްޓޯރޭޖް މުއްދަތު ބޮޑުކޮށް ދީފި

ހިތަދޫ ޕޯޓް ލިމިޓެޑްގެ ޔާޑް އަދި ވެއަރ ހައުސް / ފޮޓޯ: އައްޑޫލައިވް

ހިތަދޫ ޕޯޓް ލިމިޓެޑަށް އެތެރެ ކުރާ އުޅަނދުތަކަށް ދެމުން އައި ފްރީ ސްޓޯރޭޖް މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭ ގޮތުން ހިތަދޫ ޕޯޓް ލިމިޓެޑުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެކުންފުނިން މިހާރު ދެމުންދާ ޙިދުމަތްތަކުގެ ތެރެއިން އައްޑޫއަށް ގެންނަ އުޅަނދުތަކުން ނެގޭ ފްރީ ސްޓޯރޭޖް މުއްދަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުން ކޮންޓެއިނަރުން އުޅަނދު ބޭރުކުރުމަށް ފަހު ޕޯޓުގެ ޔާޑުގައި އަދި ވެއަރ ހައުސްގައި އުޅަނދުގެ ކްލިއަރެންސް ކަންކަން ނިމެންދެން ބެހެއްޓުމުގެ ފުރުސަތު ދީފައި އޮވެއެވެ. މިގޮތަށް ބަހައްޓާފައި މީގެ ކުރިން ބަނދަރު ޕޯޓަލް އެޕް ބޭނުން ކުރަން ފެށުނީއްސުރެ ދެނީ ޔާޑުގައި ނަމަ 10 ދުވަސް، އަދި ވެއަރ ހައުސްގައި ނަމަ 5 ދުވަހެވެ.

ނަމަވެސް މިހާރު ގެނައި ބަދަލާއި އެކު މިމުއްދަތު 5 ދުވަސްވަނީ އިތުރު ކޮށްދީފައެވެ. އެގޮތުން މިހާރު ޔާޑުގައި 15 ދުވަސް އުޅަނދު ބޭއްވޭރިއިރު، ވެއަރ ހައުސްގައި ފްރީ ސްޓޯރޭޖް މުއްދަތުގެ ގޮތުގައި 10 ދުވަސް ބޭއްވޭނެއެވެ.

މި ބަދަލާއި ގުޅޭގޮތުން ހިތަދޫ ޕޯޓް ލިމިޓެޑުން ބުނެފައިވަނީ، މީގެ ސަބަބުން އުޅަނދުގެ ކްލިއަރެންސަށް އުޅަނދު ގެންނަ ފަރާތްތަކަށް އިތުރު ވަގުތު ދެވި، އަދި ފްރީ ސްޓޯރޭޖް މުއްދަތު ހަމަވެގެން ދައްކަން ޖެހޭ ވަރުވެސް ކުޑަ ވާނެ ކަމަށެވެ. އަދި މިބަދަލަކީ ބަނދަރު ބޭނުން ކުރާ ފަރާތްތަކަށް ލުއި ދިނުމަށް ގެނައި ބަދަލެއް ކަމަށް ޕޯޓްސް އިން މައުލޫމާތު ދެއެވެ.

ހިތަދޫ ޕޯޓް ލިމިޓެޑުން އުޅަނދުތަކުގެ ފްރީ ސްޓޯރޭޖް މުއްދަތައް ބަދަލު ގެނެސްފައިވީ ނަމަވެސް އެހެން އެއްވެސް ބާވަތެއްގެ މުދަލެއްގެ ފްރީ ސްޓޯރޭޖް މުއަދަތައް ބަދަލު ނުގެނެއެވެ. އެހެން ހުރިހާ މުދަލަކުންވެސް ފްރީ ސްޓޯރޭޖް މުއްދަތު ގުނާނީ އެމްޕީއެލްގެ ޓެރިފްއާއި އެއްގޮތަށެވެ.