Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

"ފަހި ދިރިއުޅުމު" ގެ ފްލެޓެއް ދައްކާލައިފި

ހުޅުމާލެ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފުރަތަމަ 13 ޓަވަރުގައި މި އަހަރުގެ އޮގަސްޓް މަހު މީހުން ދިރިއުޅެން ފަށާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އިއްޔެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ އެ ފްލެޓްތަކަށް ވަޑައިގެން މަސައްކަތް ވެސް ބައްލަވާލައްވައިފަ އެެވެ. އެގޮތުން މަސައްކަތް ނިންމައި، ފުރިހަމަކޮށްފައި ހުރި "ހިތްގައިމު" ފްލެޓެއް ވެސް ދައްކައިލި އެވެ.

"އުދަރެސް" ގެ ނަން ދީފައިވާ އެފްޑީސީގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީ ގައި ހިމެނޭ 13 ޓަވަރުގެ މަސައްކަތް އަންނަ ޖުލައި-އޮގަސްޓު މަހަށް ނިންމުމުން އެ ތަންތަނަށް ބޭނުންވާ ފެނާއި ކަރަންޓު ފޯރުކޮށްދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި އޮގަސްޓް މަހު ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ބުންޏެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.

އެފްޑީސީން ބުނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ހަދާ ހުރިހާ ފްލެޓުތައް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ ފަހުކޮޅާއި 2025 ގެ ކުރީކޮޅުގައި ކަމަށެވެ.

ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު މިދިޔަ އޮކްޓޯބަރު މަހަށް ހަމަވިއިރު 4،000 ފްލެޓަށް، 20697 ފޯމު ހުށަހަޅާފައިވެ އެވެ.

ފްލެޓު ލިބޭ މީހުންނާއި ފްލެޓަށް ދައްކަން ޖެހޭ ކުލި ކަނޑައަޅާނީ ހައުސިން މިނިސްޓްރީންނެވެ.