Last Updated: April 23, 21:11
Tuesday, April 23, 2024
މުނިފޫހިފިލުވުން

ޑައިރެކްޓަރަކާއި ބަތަލާ އަކު ކައިވެނި ކުރަނީ

ބޮލީވުޑްގެ ބަތަލާއަކާއި ޑައިރެކްޓަރަކު އަންނަ މަހު ކައިވެނިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަންނަ މަހުގެ ކުރީކޮޅު ގޯއާގައި ކައިވެނި ކުރަން ތައްޔާރީތައް ވަމުން އަންނަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ޑްރިޝަމް 2" ގެ ޑައިރެކްޓަރު އަބީޝެކް ޕަތަކާއި "ހުދާ ހާފިޒު" ގެ ބަތަލާ ޝިވަލީކާ އޮބެރޯއީ އެވެ. މި ދެ މީހުން ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ އިރު، ޝިވަލީކާ އަށް އަބީޝެކް ޕްރޮޕޯޒްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް އިންސްޓަގްރާމް ވީޑިއޯއެއްގައި ބުނެފައިވެ އެވެ.

އަބީޝެކް، 35، އަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސް ދީފައިވާ ޕްރޮޑިއުސަރު ކުމާރު މަންގަތުގެ ދަރިއެކެވެ.

ޝިވަލީކާ، 27، ބޮލީވުޑަށް ނުކުތީ 2019 ގެ "ޔޭ ސާލީ އާޝިގީ" އިންނެވެ. އޭގެ ފަހުން އޭނަ ފެނިފައި ވަނީ "ހުދާ ހާފިޒު" އާއި އާއި އޭގެ ސީކްއެލްއިންނެވެ. ޝިވަލީކާ ބަތަލާއެއްގެ ގޮތުގައި ނުކުތުމުގެ ކުރިން ދެ ފިލްމެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި އެވެ. އެއީ ސަލްމާން ޚާންގެ "ކިކް" އާއި އަކްޝޭ ކުމާރުގެ "ހައުސްފުލް 2" ގަ އެވެ.

މި ފަހުން ބޮލީވުޑްގައި ކައިވެނިކުރި ޑައިރެކްޓަރަކާއި ބަތަލާއަކީ "އުރީ: ދި ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރު އަދިތިޔާ ދާރް އާއި އޭގެ ބަތަލާ ޔާމީ ގޯތަމެވެ. އެ ދެ މީހުން ކައިވެނިކުރީ 2021 ގަ އެވެ.