Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ޔާމީން

މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މަލިޖިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކޮންމެ ކެންޑިޑޭޓަކާ ވާދަކުރައްވަން ޖެހުނަސް، ޔާމީން އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށެވެ.

"ދެން އަންނާނީ ރައީސް ޔާމީންގެ ޒައާމަތުގައި ޕީޕީއެމުން އެކުލަވާލާ ރައްޔިތުންގެ ވެރިކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ނުހައްގުން ރައީސް ޔާމީން ޖަލަށް ލައިގެން އުޅެނީ އެ މަނިކުފާނާ ވާދަކުރަން ޖެހިލުންވާތީ."

ޔާމީން މި އަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާއި ގާނޫނީ ޓީމްގެ ބޭފުޅުން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް އެ މަނިކުފާނު މިހާރު ހުންނެވީ 11 އަހަރުގެ ޖަލު ހުމަކާ އެކީ އިންތިހާބަށް ވާދަކުރެއްވޭ ހާލަތެއްގައެއް ނޫނެވެ. އަދި ހުކުމް ތަންފީޒުކުރާނެ ކަމަށް ބުނި ނަމަވެސް އެކަން އަދި އޮތީ ނުކޮށެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން މިހާރު ވަނީ ކަފާލާތުގެ ދަށުން ޔާމީން ދޫކޮށް ދިނުމަށް ހައި ކޯޓަށް ހުށަހަޅަން ނިންމައިފަ އެވެ.

ޔާމީނަށް ޖަކު ހުކުމް އިއްވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ވެސް ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 25 އެވެ. އެއީ އާރަށުގެ މައްސަލައިގައި އުފުލި މަނީ ލޯންޑްރިން އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ދަނީ އެއީ "ހަރާން ހުކުމެއް" ކަމަށް ބުނެ ޔާމީން މިނިވަން ކުރަން ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.