Last Updated: March 28, 19:01
Thursday, March 28, 2024
މުނިފޫހިފިލުވުން

އާމިރުގެ ބްރޭކް ނިމެންދެން ސަންތޯޝީ

އެކްޓިން އިން އާމިރު ޚާން ދޮޅު އަހަރެއްހާ ދުވަހުގެ ބްރޭކެއް ނަގާފައިވާތީ، އޭނަ އެނބުރި އަންނަންދެން އިންތިޒާރުގައި ހުރި ކަމަށް އާމިރުގެ ފިލްމު "އަންދާޒާ އަޕްނާ އަޕްނާ" ގެ ޑައިރެކްޓަރު ރާޖްކުމާރު ސަންްތޯޝީ ބުނެފި އެވެ.

މި މަހުގެ 26 ގައި ރިލީޒްކުރާ އޭނަގެ އާ ފިލްމު "ގާންދީ ގޯދުސޭ: އޭކް ޔުދު" ގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި ކުޅަދާނަ ޑައިރެކްޓަރު ބުނީ އާމިރަށް ހާއްސަކޮށްފައިވާ ސްކްރިޕްޓެއް އަތުގައި އެބައޮތް ކަމަށެވެ. އެކަމަކު އޭނަ މިހާރު ބްރޭކެއް ނަގާފައިވާތީ އެ ބްރޭކް ނިމެންދަން މަޑުކޮށްލައިގެން ހުރި ކަމަށް ބުންޏެވެ.

"އާމިރަކީ އަބަދު ވެސް ވަރަށް ގާތް ރައްޓެއްސެއް. އަދި އެއީ އަހަރެން ވަރަށް އިހުތިރާމުކުރާ އެކްޓަރެއް ވެސް މެ. މިދިޔަ އަހަރު ގެނެސްދިން އޭނަގެ ލާލް ސިންގް ޗައްޑާގެ މަސައްކަތުގެ ތެރޭގައި ވެސް އެކި ފަހަރު މަތިން އާމިރާ ބައްދަލުވި،"ސަންތޯޝީ ބުންޏެވެ. "މިހާރު މަޑުކޮށްލައިގެން މި ހުންނަނީ އޭނަ ބްރޭކް ނިންމާލީމަ އަހަރެން ހާއްސަކޮށްފައި އޮތް ކޮންސްޕެޓް ނެރޭޓްކޮށް ދޭން."

ސަންތޯޝީ ބުނި ގޮތުގައި އޭނަގެ ފިލްމު ސެޓަށް ވީހާ ވެސް އަވަހަކަށް އާމިރު ގެނައުމަކީ ވަރަށް ބޮޑު އުންމީދެކެވެ.

މީގެ އިތުރުން ސަލްމާން ޚާނަކީ ވެސް ވަރަށް ގާތް ތަރިއެއް ކަމަށާއި އޭނައާ އެކީ ފިލްމެއް ހަދަން ދެ ތިން ކޮންސެޕްޓެއް ހިއްސާކޮށްފައިވާ ކަމަށް ސަންތޯޝީ ބުންޏެވެ.

"އަހަރެންގެ އާއިލާގެ އެންމެންނަކީ ވެސް ސަލްމާންގެ ވަރަށް ބޮޑު ފޭނުންތަކެއް. އެހެންވެ އެ މީހުން އަބަދު ވެސް ކިޔާނެ ސަލްމާނާ އެކީ ފިލްމެއް ހަދާށޭ." ސަންތޯޝީ ބުންޏެވެ.

ވަރަށް ކާމިޔާބު ފިލްމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ 1994 ގެ "އަންދާޒް އަޕްނާ އަޕްނާ" އަކީ އާމިރާއި ސަލްމާނާ އެކީ ގެނެސްދިން ފިލްމެކެވެ. އޭގެ ބަތަލާއިންނަކީ ކަރިޝްމާ ކަޕޫރާއި ރަވީނާ ޓަންޑަނެވެ.

ސަންތޯޝީ ބުނީ އެ ސްޓައިލްގެ ކޮމެޑީ ފިލްމެއް "އަދާ އަޕްނާ އަޕްނާ" ގެ ނަމުގައި ހަދަން ނިންމާފައިވާ ކަމަށާއި އޭގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރުގައި ފަށާނެ ކަމަށެވެ. އެކަމަކު އެއަށް އަދި ކާސްޓުން ހަމައެއްނުޖައްސަ އެވެ.

ސަންތޯޝީ ދެން ހަދަން ނިންމާފައި ވަނީ ސަނީ ޑިއޯލްއާ އެކީ "ލާހޯރް: 1947" އެވެ. މީގެ ޝޫޓިން މާޗް 1 ގައި ފަށަން އޮތީ ނިންމައިފ އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި "ދާމިނީ"، "ގަތަކް"، "ގާޔަލް"، "ޕުކާރު"، "ލައްޖާ"، "ދަ ލެޖެންޑް އޮފް ބަގަތު ސިންގް"، "އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ" އަދި "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ހިމެނެ އެވެ.