Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ނަޝީދު އުޅެނީ ރާއްޖެ ސެކިއުލާ ކުރަން: އިޔާޒް

ޑރ. އިޔާޒް (ވ) އާއި ޝައިހް ޒައިދު.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވެވަޑައިގަންނަވަނީ ރާއްޖެ ސެކިއުލާ ގައުމަކަށް ހަދަން ކަމަށާއި އެކަމަކު އެ ފުރުސަތު ނުދެއްވާނެ ކަމަށް ދީނީ އަދާލަތު ޕާޓީ އަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދ އިޔާޒް ވިދާޅުވެއްޖެ އެވެ.

ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކުން ކުރި ޓްވީޓެއްގެ ރައްދުގައި އިޔާޒް ވިދާޅުވީ ރާއްޖެ އަކީ ގާނޫނީ ގޮތުން 100 ޕަސެންޓް އިސްލާމީ ގައުމެއް ކަމަށެވެ.

"މި ގައުމުގެ ނަމަކީ ދިވެހި ރާއްޖެ މި ގައުމުގެ ދީނަކީ އިސްލާމްދީން. ވީމާ ނަޝީދު ބޭނުންވާ ފަދަ ސެކިއުލަރ ޤައުމަކަށް އިންޝާالله މިތަނެއް ނުހެދޭނެ،" އޭނާ ވިދާޅުވި އެވެ. "الله ގެ ރަޙްމަތާ އެކު އެ ފުރުޞަތު ވެސް ލިބަޔަކަ ނުދޭނަން “ރުޅި އައިސްގެން މަރުވޭ."

ހަސަން ކުރުސީ ކުރި ޓްވީޓެއްގައި އިޔާޒާއި ޝައިހް އަލީ ޒައިދު ޓެގް ކުރައްވައި ބުނެފައި އޮތީ މިއީ އަފްގާނިސްތާނެއް ނޫން ކަމަށާއި މިއީ ޒަމާނީ މުޖުތަމައަކަށް ބަދަލުވަމުންދާ ދިވެހި ރާއްޖެއެއް ކަމަށެވެ.

"ތި ދެ ބޭފުޅުން ބޭނުންވާހާ ގޮތަކަށް މީހުންނެއް ނޫޅޭނެ. ވަހުޝީކަމާ އެކީގައި ތާކިހާ އަޅާއިގެން ޓުއީޓް ކޮށްލަކޮށްލާ ތިބެން ޖެހޭނީ." ހަސަން ކުރުސީ ވިދާޅުވި އެވެ.

މި ޓްވީޓަށް އިޔާޒް ރައްދު ދެއްވުމުން ހަސަން ކުރުސީ ބުނީ ރާއްޖެއިތުރަށް ސެކިއުލާ ކުރާކަށް ނޫޅެން ކަމަށެވެ.

"މިއީ މިހާރު ވެސް ގާނޫނީ ގޮތުން އިންތިހާއަށް ސެކިއުލާ ގައުމެއް. ސެކިއުލާ ވުމަކީ ދީނާއި ސިޔާސަތު ވަކިވުން. ރާއްޖޭގައި މިހާރު ވެސް ދީނާއި ސިޔާސަތު ވަނީ ވަކިކޮށްފައި. މިހިރީ މިސާލުތައް، ދެން ރުޅި އައިސްގެން އިޔާއި ޒައިދު މަރުވޭ." އޭނާ ބުންޏެވެ.

މީގެ ރައްދުގައި އިޔާޒް ވިދާޅުވީ ވަގު އެކައުންޓްތައް ހަދައިގެން މީސްތަކުން މަގުފުރައްދަން ނޫޅެ، ތައުބާވުމަށް އެދިވަޑައިގެންފަ އެވެ.

"މީސްތަކުން މަގުފުރައްދަން ތިޔަކުޅުއްވާ ޝައިޠާނީ ގޭމް ހުއްޓަވާލައްވާ ތައުބާވެލައްވާ،" ނަޝީދު ޓެގްކުރައްވައި އޭނަ ވިދާޅުވި އެވެ.
"ދީނާއި ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން."