Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ދިވެހިންނަށް ރައީސް ސޯލިހު އޯކޭއެއް ނޫން

ދިވެހިންނަށް ރައީސް އަބްދުﷲ ޔާމީން އޯކޭ ނޫން ކަމަށާއި އެ މަނިކުފާނާ އެކީ ކުރައްވާނެ ސިޔާސީ މަސައްކަތެއް ނެތް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމުން، ރައީސް ވެސް ދިވެހިންނަށް އޯކޭ ނޫން ކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ނުހައްގުން ދެމުން ގެންދާ އަނިޔާއާ ދެކޮޅަށް މުޒާހަރާކުރާ އެންމެން ގޮވަނީ ވެސް ރައީސްގެ އިސްތިއުފާ އަށް ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް އިބޫ އޯކޭއެއް ނޫން. ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާއާ ދެކޮޅަށް މުޒާހަރާ ކުރާ އެންމެން ގޮވަނީ އިބޫގެ އިސްތިއުފާ އަށް،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ރަށްރަށުން އިބޫއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ އަނިޔާވެރިކަން އިންތިހާ އަށް ދިޔައިމަ. ރައީސް ޔާމީން ތިން ފަހަރަށް ޖަލަށް، އިހުތިޖާޖުކުރާ 150 އަށް ވުރެ ގިނަ މީހުން ޖަލަށް."

ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޔާމީނަށް ޖަލު ހުކުމް އިއްވީ ރިޔާސީ އިންތިހާބަށް ކެމްޕޭން ވެސް ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 25 އެވެ. އެއީ އާރަށުގެ މައްސަލައިގައި އުފުލި މަނީ ލޯންޑްރިން އާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ދަނީ އެއީ "ހަރާން ހުކުމެއް" ކަމަށް ބުނެ ޔާމީން މިނިވަން ކުރަން ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.

އާދަމް ޝަރީފު ވިދާޅުވެފައި ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ވެސް ރައީސް ޔާމީން ކަމަށާއި އެ މަނިކުފާނު ޖަލަށް، ޔާމީނާ ވާދަކުރަން ޖެހިލުންވާތީ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން މިހާރު ނިންމާފައި އޮތީ ކަފާލާތުގެ ދަށުން ޔާމީން ދޫކޮށް ދިނުމަށް ހައި ކޯޓަށް ހުށަހެޅުމަށެވެ.