Last Updated: April 20, 09:35
Saturday, April 20, 2024
ދުނިޔެ

ބްރެޒިލްގެ ސިފައިންގެ ވެރިޔާ ވަކިކޮށްފި

ބްރެޒިލްގެ އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ޖޫލިއޯ ސީޒާ ޑި އަރޫޑާ މަގާމުން ވަކިކޮށްފި އެވެ.

ބްރެޒިލްގެ ރައީސްކަމާ މި މަހުގެ ކުރީކޮޅު ހަވާލުވެވަޑައިގެންނެވި ރައީސް ލޫލާ ޑަ ސިލްވާ، އަސްކަރިއްޔާގެ ވެރިޔާ މަގާމުން ވަކިކުރެއްވީ އޭނާ މަގާމުގެ ހުވާކުރެއްވުމާ އެކީ ކުރި މުޒާހަރަތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި ސަލާމަތީ ބާރުތަކުގެ ބައިވެރިވުމެއް ވެސް އެ ހަމަނުޖެހުންތަކުގައި އޮތް ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.

އެގޮތުން ސިފައިންގެ ވެރިޔާ މަގާމުން ވަކިކުރެއްވުމުގެ ކުރިން ވެސް އަސްކަރިއްޔާގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކޮށްފައިވެ އެވެ.

ބްރެޒިލްގެ އާ ރައީސާ ދެކޮޅަށް މަގުތަކަށް ނުކުތް މީހުން އެ ގައުމުގެ ގާނޫނު ހަދާ މަޖީލީހުގެ އިމާރާތާއި ސުޕްރީމް ކޯޓަށް ވެސް ވަދެގަނެ، ހަމަނުޖެހުންތަކެއް ހިންގާފައިވެ އެވެ. އަދި މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން އެކަމުގައި ޝާމިލުވާ ހުރިހާ ބަޔަކު ގާނޫނުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ލޫލާ ވިދާޅުވެފައިވެ އެވެ.

އޭނައާ ދެކޮޅަށް މުޒާހަރާ އަށް ނުކުތީ މިދިޔަ އަހަރު ބޭއްވި އިންތިހާބުން ބަލިވެވަވަޑައިގަތް އަދި ބަލި ގަބޫލުކުރައްވަން ދެކޮޅު ހެއްދެވި ކުރީގެ ރައީސް ޖައީ ބޮލްސޮނާރޯގެ ސަޕޯޓަރުންނެވެ. މުޒާހަރާކުރަން ހިތްވަރު ދެއްވުމަށް ފަހު، އޭނަ ވަނީ ލޫލާ ހުވާކުރެއްވުމުގެ ކުރިން އެމެރިކާ އަށް ވަޑައިގެންފަ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މުޒާހަރަކާތަކާ ގުޅިގެން ސިފައިންގެ ވެރިޔާ މަގާމުން ދުރުކުރުމަށް ފަހު، އެ މަގާމަށް މިހާރު ވަނީ ރައީސް ލޫލާގެ އަރިސް ބޭފުޅެއް ކަމަށްވާ ޖެނެރަލް ޓޯމަސް ރިބޭރޯ ޕެއިވާ މަގާމަށް އައްޔަންކޮށްފަ އެވެ.

މުޒާހަރާތަކާ ގުޅިގެން 2،000 އެއްހާ މީހުން ހައްޔަރު ވެސް ކުރި އެވެ. އެކަމަކު މީހާރު ބަންދުގައި ތިބީ އޭގެ ތެރެއިން 1،200 މީހުންނެވެ.