Last Updated: April 19, 18:08
Friday, April 19, 2024
ޚަބަރު

ކަނޑުދަތުރު ލައިންސަަންސާ ގުޅޭ އާ ގަވާއިދެއް

ރާއްޖޭގައި ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާ ގުޅޭ އާ ގަވާއިދެއް ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފި އެވެ.

ޖުމްލަ 32 ސޮފްހާގެ މި ގަވާއިދުގެ ނަމަކީ "ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދު" އެވެ. މީގައިވާ ގޮތުން ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ ބޭނުންތަކަށް ދުއްވާ އުޅަނދުތައް ދުއްވުމަށް މި ގަވާއިދުގެ ދަށުން ލައިސަންސް ނެގުމުން އިސްތިސްނާ ވާނެ އެވެ.

ގަވާއިދުގައި ވާ ގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުންނެވެ. އަދި މިނިސްޓްރީން ގަބޫލުކުރާ، ރާއްޖޭން ބޭރުގެ ފަރާތަކުން ދޫކޮށްފައިވާ ލައިސަންސެއްގެ މައްޗަށް ބިނާކޮށް، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން، ރާއްޖޭގެ ސަރަޙައްދުގައި ދުއްވުމުގެ ވަގުތީ ލައިސަންސް، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިއަކަށް ދޫކުރެވިދާނެ އެވެ.

ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެތި، އުޅަނދުފަހަރު ދުއްވުމަކީ މަނާކަމެކެވެ. އަދި ލައިސަންސް ހޯދުމަށް އެދި ހުށަހެޅޭނީ މީލާދީ ގޮތުން 18 އަހަރު ފުރިހަމަވެފައިވާ މީހުންނަށެވެ.

ބިދޭސީ ލައިސަންސަށް ބިނާކޮށް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރު، ނިޔަމިކަމުގެ ސަނަދު ނެތި ދުއްވުން މަނާވާނެ ކަމަށް ވެސް ގަވާއިދުގައި ބުންެ އެވެ. ނިޔަމިކަމުގެ ސަނަދުގައި ޓަނޭޖު އެންޑޯޒް ކުރަންޖެހޭއިރު ދިވެހި ރައްޔިތުންނަށް ދޫކުރާ، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހަދައިދިނުމުގެ ފީ އަކީ 250ރ އެވެ. އަދި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް 48 ގަޑިއިރާއި އެއް މަސްދުވަހުގެ މުއްދަތަށް ހިފެހެއްޓުމުގެ ބާރު، ކަމާ ބެހޭ ފަރާތްތަކަށް ގަވާއިދުގައި ދީފައިވެ އެވެ.

އަދި ލައިސަންސް ހިފެހެއްޓިފައި ވަނިކޮށް، އުޅަނދެއް ދުއްވި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް 1،500ރ. އިން ޖޫރިމަނާކޮށް، ލައިސަންސްގައި އެކަން އެންޑޯޒްކުރުމެވެ. މީގެ އިތުރުން ލައިސަންސް ބާޠިލުކޮށްފައި ވަނިކޮށް އުޅަނދެއް ދުއްވައިފިކަން ސާބިތުވެއްޖެ ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.

ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީން އެކުލަވާލަން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ބުނެ އެވެ.