Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ކުރީގެ މިނިސްޓަރު ޒުލްފާގެ ތާއީދު ރައީސަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މަރިޔަމް ޒުލްފާ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ރައީސަށް ތާއިދު ކުރައްވަން ނިންމަވައި އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ދެ ފަހަރަކު ކަށްޓެއް ނުޖެހޭނެ ކަމަށެވެ.

"ހަނދާން ކުރަންވީ ހަމަ އެންމެ ކަތި ފިޔަވަޅަކުން ޕާޓީ މަގުމަތިވެ 7 އަހަރު އަނިޔާވެރި ބިރުވެރި ދުވަސްތައް ތަޖުރިބާކުރަން ޖެހުުނުކަން. އެކަން އޯކޭއެއް ނޫން. އެކަން ތަކުރާރުވާކަށް ވެސް ނޭދެން،" ޒުލްފާ ވިދާޅުވި އެވެ. "އެއް ހަރަކުން މުޢުމިނެއްގެ ގަޔަށް ދެ ފަހަރަކު ކަށްޓެއް ނުޖަހާނެ."

ޒުލްފާ މިނިސްޓަރުކަމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2011 ގައި އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް، ފުވައްމުލަކުގައި ތަރައްގީކޮށް ހުޅުވި އެއާޕޯޓެވެ. މިހާތަނަށް ރާއްޖޭގައި އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ހަދައި ނިންމި އެ އެއާޕޯޓް ރަސްމީކޮށް ހުޅުއްވައި ދެއްވުމުގައި ޒުލްފާ އިސް ރޯލެއް އަދާކުރެއްވި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމެވި އިރު، އޭގައި ވާދަކުރައްވަނީ ރައީސާއި ނަޝީދެވެ. ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގަ އެވެ.