Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ތިނަދޫ ސިޓީއަކަށް ހަދާނަން: ރައީސް

ގދ. ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މި މަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް މިއަދު ހުވަދު އަތޮޅަށް ވަޑައިގެން ގދ. ތިނަދޫގ ސަޕޯޓަރުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ ސިޓީއެއްގެ ދަރަޖަ ދޭ ރަސްމިއްޔާތަށް ކަމަށެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށު ކައުންސިލުން ވެސް ތަކުރާރުކޮށް ސަރުކާރުގައި އެދިފައިވެ އެވެ. އަދި ތިނަދު އަކީ ހުވަދު އަތޮޅުގެ މައި ރަށުގައި ގޮތުގައި ފާހަގަކޮށްލެވޭ ރަށެވެ. އެގޮތުން އެ ރަށަކީ އެކި ބޭނުންތަކުގައި ގދ. އާއި ގއ. އަތޮޅުގެ ރަށްތަކުގެ މީހުން ވަރަށް ގިނައިން ދަތުރުކުރާ ރަށެކެވެ.

ރައީސް ވިދާޅުބި ގޮތުގައި މި ސަރުކާރުގެ ތަރައްގީގެ ސިޔާސަތުގައި ތިނަދު އަކީ ވަރަށް މުހިންމު ރަށެކެވެ. އަދި އެ ރަށް ސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މަގު ހެދުން ކުރިއަށް އެ ދަނީ. ފެން ހިންދާ ނިޒާމު ގާއިމު ކުރެވެމުން އެ ދަނީ. އިންޖީނުގެ އެޅުން ކުރިއަށް ދަނީ. މިހެން ގޮސް އަޅުގަނޑަށް މި ލިސްޓް ކިއިދާނެ،" ރައީސް ވިދާޅުވި އެވެ. "ޓޫރިޒަމަށް ބަލާއިރު މި އަތޮޅުގައި ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި އެންމެ ފައްކާ ރަށްތައް އެބަހުރި. ބޭނުންވަނީ ވަސީލަތްތަކާ އެކު މަގުފަހިކުރުން. އެހެންވެ އަޅުގަނޑުމެން މި ތަނުގައި އިންޓަނޭޝަނަލް އެއާޕޯޓަކާއި ކޮމާޝަލް ޕޯޓަކާއި ބޭނުންވާ އަސާސީ ހިދުމަތްތަކާއި ސިއްހީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ފަށައިގެން މި އުޅެނީ."

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރިން ތިނަދޫގައި 100 ހައުސިން ޔުނިޓް އަޅަން ކަނޑައެޅި ނަމަވެސް އަދަދު މިހާރު 200 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މާ ލަސްތަކެއް ނުކޮށް ހިއްކި ބިމުން ގޯތި ދޭން ކައުންސިލުން އިއުލާން ކުރާނެ ވެސް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ސިޓީތަކަކީ މާލެ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން ކުޅުދުއްފުއްޓެވެ.