Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އެސްޓީއޯގެ މަސައްކަތްތައް ބާރަށް ކުރިއަށް ދާނެ

އެސްޓީއޯގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ކަމަށް އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އަމްރު ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި ބައިވެރިވެފައެވެ. އަދި ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ، އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މަޑުނުޖެހޭނެ ކަމުގެ ޔަގީންކަން އަރުވަމުން އަމްރުއަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވާފައެވެ.

އެކަމާ ގުޅިގެން އަމްރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ނަޝީދާއެކު ކެމްޕޭނަށް ދިޔުމުގެ ކުރިން އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެންނެވި ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެމްޕޭންގައި ދާ ސަބަބާ އަދި ޕާޓީ އެތެރޭގެ އިންތިޚާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް މަޑުޖެހުމެއް ނާންނާނެ ވާހަކަ ދެންނެވި ކަމަށެވެ.

"އެސްޓީއޯ އިން ކުރަމުން ގެންދަނީ ޤައުމީ މަސައްކަތެއް، އެއީ ދިވެހި ރައްޔިތުންނަށް ދޭ ޚިދުމަތެއް. އެސްޓީއޯ އިން ކުރަމުން ގެންދާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ބާރަށް ކުރިޔަށް ދާނެ." އަމްރު ވިދާޅުވިއެވެ.

އަމްރު ބައިވެރިވެވަޑައިގެންފައިވަނީ ރައީސް ނަޝީދު ހުވަދުއަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައެވެ.