Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފުލުހުން ތަމްރީނު ކުރުމުގެ 24 ވަނަ ބުރު ފަށައިފި

ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 24 ވަނަ ބުރު އިފްތިތާޙް ކޮށްފި އެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޓްރޭނިން ބުރު އިފުތިތާހުކޮށް ދެއްވީ ކޮމިޝަނަ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު އެވެ.

ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ރިޔާޒް ވިދާޅުވީ ފުލުހުންނަކީ ޤާނޫނާއި ޤަވާޢިދުތަކަށް ބޯލަނބާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.
އަދި ކޮންމެ ފުލުހަކު ކުރާ ކަމަކަށް ނުވަތަ ޢަމަލަކަށް އެ ފުލުހަކަށް ޖަވާބުދާރީ ވެވެން ޖެހޭނެ ކަމަށާއި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް އެއްވެސް ފުލުހަކު ކުރާ ކަމަކަށް ފިޔަވަޅު ނާޅައި ދޫކޮށެއް ނުލާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ވަރަށް ގިނަ އިންތިޒާރުތަކަކަށް ފަހު މި ލިބުނު ވަޒީފާގެ ފުރުޞަތު ހެޔޮ ގޮތުގައި ބޭނުންކު ރުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސް ކުރައްވާފައި ވެ އެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ފުލުހުންގެ ވަޒީފާގައި ދެމި ތިބޭ އިރު ފުލުހުން ޢަމަލު ކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ވަރަށް ބޮޑަށް އަހުލުވެރިވާން ޖެހޭނެ ކަމަށެވެ.

ޚާއްޞަ ގޮތެއްގައި ފުލުހުންގެ ކިބައިގައި ހުންނަން ޖެހޭ ސުލޫކީ ރީތި އާދަތަކާއި ފުލުހުންގެ އިންޓެގްރިޓީ އާއި ފުލުހުންގެ ޕްރޮފެޝަނަލިޒަމް މަތިން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ފުލުހުންގެ ވަޒީފާގައި ދެމި ހުރެ ވައްކަން ކުރުމާއި ފޭރުމާއި މަސްތުވާތަކެތި ބޭނުން ކުރުންފަދަ ބޮޑެތި ޖަރީމާތައް ހިންގުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ކޮމިޝަނަ އޮފް ޕޮލިސް ވިދާޅުވި އެވެ.