Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

ނަޝީދުގެ އައްޑޫ ސަޕޯޓަރުން މަރުހަބާ އަށް ތައްޔާރު

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އައްޑު އަށް ވަޑައިގަންނަވާތީ އެ މަނިކުފާނުގެ ސަޕޯޓަރުން ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެއްޖެ އެވެ.

ނަޝީދު ވަޑައިގަންނަވާތީ އައްޑޫގެ އެކި އަވަށްތަކުގައި ތިބި ސަޕޯޓަރުން ޕާޓީގެ ޖަގަހަތަކުގައި ތައްޔާރީތައްވާތާ ވެސް ދުވަސްކޮޅެއްވެއްޖެ އެވެ. ނަޝީދު އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެހެންވެ މަރުހަބާ ކިޔަން ގަން އެއާޕޯޓަށް ދިއުމަށް އައްޑޫގެ ހުރިހާ އަވަށަކުން ވެސް ސަޕޯޓަރުން އެއާޕޯޓަށް ދިއުމުގެ އިންތިޒާމުތައް އޮތީ ރާވައިފަ އެވެ.

ނަޝީދު އައްޑޫ ކެމްޕޭނުގައި ވަކިވަކި އަވަށްތަކަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި، ދޮރުންދޮރަށް ވެސް ހިންގަވާ ގޮތަށް ހަމަޖެހިފައިވެ އެވެ. ދެ ދުވަހުގެ މި ދަތުތުގައި ބޮޑު ޖަލްސާއެއް ވެސް ބާއްވަން ހަމަޖެހިފައިވެ އެވެ.

ނަޝީދު އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ ކްލައިމެޓް ޗޭންޖާ ގުޅޭ ގޮތުން "ފޯސޭކެން ފިއުޗާސް" ގެ ނަމުގައި ބޭއްވި ސެމިނާއަކަށެވެ. އެ ދަތުރުގައި ވެސް ނަޝީދު އައްޑޫގެ ހުރިހާ އަވަށަކަށް ޒިޔާރަތްކުރެއްވި އެވެ.

ނަޝީދު ކެމްޕޭނަށް މިއަދު އައްޑު އަށް ވަޑައިގަންނަވާ އިރު، ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި މަހުގެ 13-15 އަށް އައްޑު އަށް ކެމްޕޭން ދަތުރެއް ކުރެއްވި އެވެ. އެނގިފައިވާ ގޮތުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ރައީސްގެ ކެމްޕޭން ޖަލްސާ ނިންމާނީ ވެސް އައްޑޫންނެވެ. އަދި ނަޝީދުގެ ކެމްޕޭން ނިންމާނީ ބުރާސްފަތި ދުވަހުގެ ރޭ މާލޭންނެވެ.

ނަޝީދު ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ ޖަލްސާއެއް އަންނަ ބުދަ ދުވަހުގެ ރޭ މާލޭގައި އޮންނާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.