Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ގުޅިން ވެސް ބިން ހިއްކާނަން: ރައީސް

ކ. ގުޅިއަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުން ވެސް ބިން ހިއްކާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގެ ތެރެއިން މިއަދު ކ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގެ ތެރެއިން ގުޅި އަށް ވަޑައިގެން ސަޕޯޓަރުންތަކަކާ އެކީ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގުރައިދު އާއި މާފުށީގެ ބިން ބޮޑުކުރެވި، އެދެރަށުގެ ރައްޔިތުންނަށް ދަތުރު ދެވޭނެ ރަށެއް ވެސް ހިމެނޭހެން ބިން ހިއްކާފައިވާ ކަމަށެވެ.

އެގޮތުން މާފުށީގައި ހިއްކި ބިމާއި ޕިކްނިކް އައިލޭންޑާ ދާދި އަވަހަށް ގުޅާލުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ކުރި ދަތުރުގައި، ގުރައިދޫން ވެސް، މާފުށިން ވެސް، ގުޅިން ވެސް އެދުނު އެންމެ މުހިންމު ކަމަކީ ރަށް ފުރިގެން ބިން ބޮޑުކޮށް ދިނުމުގެ ވާހަކަ،" ރައީސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ މި ދެ ރަށުގެ، މާފުއްޓާއި، ގުރައިދޫގެ ބިން ތިޔަބޭފުޅުން އެދުނު ގޮތަށް ބޮޑުކޮށް އަދި ޕިކްނިކް އައިލެންޑަކާ އެކު މިވަނީ ހިއްކާ ބޮޑު ކުރެވިފަ. ކުރިއަށް އޮތީ ގުޅި، ގުޅި ހިއްކުމުގެ މަސައްކަތް. އިރާދަ ކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ގުޅީގެ ރައްޔިތުންނަށް އަމަލީ ގޮތުން ފެނިގެންދާނެ."

ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަމުން އައީ އެއްވެސް ރަށެއް ބާކީނުކޮށް، ތަފާތު ނުކޮށް ޚިދުމަތްތައް ދިނުމަށެވެ. އެކަމަކު އެ ސިޔާސަތު މިއަދު އެމްޑީޕީގެ ބައެއް ބޭފުޅުންނަށް ކަމުނުދިއުމަކީ އެ ޕާޓީން ގެންގުޅުނު އެ ސިޔާސަތު ދޫކޮށްލަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އަބަދު ވެސް އެމްޑީޕީ ވަކާލާތު ކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަރައްޤީ ކުރުމަށް. މިއަދު އެއާ އިދިކޮޅަށް ވާހަކަ ދައްކަވަމުން ގެންދާކަމީ ހަމަގައިމުވެސް އެއީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން،" ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ. "އެއީ ވަކި އެހެން މަގުސަދެއް އޭގައި އޮވެގެން ކުރާކަމަކަށް ވެދާނެ."