ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް އެޅޭގޮތް ހެދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
މިއަދު ގުރައިދޫގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ރަށްރަށުގައި ގެސްޓްހައުސް ހެދޭ ގޮތަށް އެބަދަލު ގެނައީ ކޮންއިރަކު، ކޮންބައެއްތޯ އެއީ ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރަށްތަކުގައި ގެސްޓުހައުސް އަޅަން ހުއްދަ ނުދޭން ސަރުކާރުން ނިންމާފައި އޮތް އޮތުން ބަދަލުކުރީ ރައީސް ނަޝީދުގެ ވެރިކަމުގެ ކުރިން އޭރުގެ ރައްޔިތުން މަޖިލީހުގެ ތެރެއިން ކަމަށެވެ. އެގޮތުން އެކަމަށް ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް މިފަދައިން ވިދާޅުވި ނަމަވެސް، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ފުޅާވެ، ރަށްރަށުގައި އެ ވިޔަފާރި ހިންގުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ރައީސް ނަޝީދު ފާހަގަކުރެވިފައިވަނީ ގެސްޓްހައުސް ވިޔަފާރި ރާއްޖޭގައި ފުޅާކުރުމުގައި މުހިންމު ދައުރެއް އަދާކުރި ފަރާތެއްގެ ގޮތުގައެވެ.