Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

އާ އޮފީސް އިމާރާތަށް އުމަރު ޒާހިރުގެ ނަން

ހުޅުމާލޭގައި އަލަށް ހަދައި ހުޅުވަން ތައްޔާރީތައް ވަމުން އަންނަ ސަރުކާރު އޮފީސް އިމާރާތަށް ކުރީގެ މިނިސްޓަރު އުމަރު ޒާހިރުގެ ނަން ދީފި އެވެ.

އުމަރު ޒާހިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖެ އަށް އުމްރާނީ ގޮތުން ގެނައި ތަރައްގީގެ ވަރަށް ހިއްސާދާރެކެވެ. ސަރުކާރުގެ އާ އޮފީސް އިމާރަތަށް އެ މަނިކުފާންގެ ނަން ދިން އިރު، އެ މަނިކުފާނު ވަނީ ޑިސެމްބަރު 20، 2021 ގައި އަވަހާރަވެފަ އެވެ.

ގައުމީ ހިދުމަތުގައި އެކި ރޮނގުރޮނގުން 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް، އުމަރު ޒާހިރު ހިދުމަތްކޮށްދެއްވާފައިވެ އެވެ. އެ މަނިކުފާނުގެ ފާހަގަކޮށްލެވޭ ހާއްސަ މަސައްކަތްތަކުގެ ތެރޭގައި، މާލޭގެ ތަރައްޤީގެ ބޮޑެތި މަސައްކަތްތައް، ހާއްސަކޮށް މާލޭ މަގުހެދުމުގެ މަޝްރޫއު، އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު، ހުޅުމާލޭގެ މަޝްރޫއު އަދި ތިލަފުށި ހިއްކާ ކުނި ނައްތާލުމުގެ މަޝްރޫއު ފާހަގަކޮށްލެވެ އެވެ.

އުމަރު ޒާހިރު ވަނީ މާލޭ މުނިސިޕަލްޓީގެ ރައީސްކަމާއި ހޯމް މިނިސްޓަރުކަމާއި ޕަބްލިކް ވާކްސް، މިނިސްޓަރުކަމާއި އޮފް ހޯމް އެފެއާޒް އަދި ސީނިއަ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އުމަރު ޒާހިރުގެ ނަން ދިން ހުޅުމާލޭގެ އޮފީސް އިމާރާތް އަންނަ މަހުގެ މެދުތެރޭގައި ހުޅުވަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހަދާފައިބާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންއަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ ދެ ވަނަ ފަންގިފިލާއިން ފެށިގެން ފަސް ވަނަ ފަންގިފިލާގަ އެވެ. އަދި އިމާރާތުގެ އެންމެ މަތި ޚާއްސަކޮށްފައި ވަނީ މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.