Last Updated: January 30, 20:14
Monday, January 30, 2023
މުނިފޫހިފިލުވުން

ސުނިލް ޝެޓީގެ ދަރިފުޅު ކައިވެނިކޮށްފި

ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ އާއި ކްރިކެޓް ތަރި ކޭއެލް ރާހުލް ކައިވެނިކޮށްފި އެވެ.

އެ ދެ މީހުންގެ ކައިވެނީގެ ވާހަކަ ދެކެވޭތާ ތިން އަހަރެއްހާ ދުވަސް ފަހުން ކައިވެނިކުރީ އިއްޔެ ބޭއްވި ކުލަގަދަ ހަފުލާއެއްގަ އެވެ. އެ ހަފުލާގައި ބައިވެރިވީ ދެ ފަރާތުގެ އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނެވެ. ކައިވެނީގެ ހަފުލާގެ ފޮޓޯތަކެއް ވެސް އާތިޔާ އާއި ރާހުލްގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވެ އެވެ.

ވަރަށް ގިނަ ފިލްމީ ތަރިން ފޮޓޯތަކަށް ކޮމެންޓްކޮށް، މަރުހަބާ ކިޔާފައިވެ އެވެ.

އާތިޔާ، 30، އަކީ ސުނިލްގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭނަ ބޮލީވުޑަށް ތައާރަފުވީ ސަލްމާން ޚާން ޕްރޮޑިއުސްކުރި 2015 ގެ "ހީރޯ" އިންނެވެ. އާތިޔާ މިހާތަނަށް ކުޅުނީ އެންމެ ތިން ފިލްމެވެ. އެއީ ފުރަތަމަ ފިލްމުގެ އިތުރުން 2016 ގެ "މުބާރަކަން" އާއި 2019 ގެ "މޯޓީޗޫރް ޗަކްނަޗޫރް" އެވެ.

އާތިޔާ ފާހަގަކުރެވުނީ ބޮލީވުޑުން ފަހުން ފުރުސަތެއް ނުލިބި، އިންޑަސްޓްރީން ވަރަށް އަވަހަށް ގެއްލުނު ބަތަލާއެއްގެ ގޮތުގަ އެވެ. އޭނަ ކައިވެނި ރާހުލް، 30، އަކީ އިންޑިއާގެ މިހާރުގެ އެންމެ އުންމީދީ ކްރިކެޓް ތަރި އެވެ.

ސުނިލް، 61، ގެ ހަގު ދަރިފުޅަކީ 2021 ގެ "ތަޅަޕް" އިން ބޮލީވުޑަށް ނުކުތް 27 އަހަރުގެ އަހާން ޝެޓީ އެވެ.