Last Updated: June 23, 11:37
Tuesday, June 23, 2026
ޚަބަރު

ގަން އެއާޕޯޓްގެ ހިއްސާ އާންމުންނަށް ދޭނަން

އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކޮށް މި އަހަރުގެ ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ އަށް ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންނެވުމަށް އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ހިއްސާ އާންމުންނަށް ލިބޭ ގޮތަށް ހައްދަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަބަދު ވެސް އައްޑޫގެ ތަރައްގީގެ ވާހަކަ ދައްކަވާ ނަޝީދު ޕްރައިމަރީހެ ކެމްޕޭނަށް އިއްޔެ އައްޑު އަށް ވައިގެން މަރަދޫގެ ޖަގައެއް ހުޅުވުން ބޭއްވި ހަފުލާގައި ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކުރުމުގެ ވާހަކަ އަކީ ޒަމާންވީ ވާހަކައެއް ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ނިމި، މަތިންދާ ބޯޓު ޖެއްސޭ ތަން އޮންނަނީ ނުވެފައި ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ގަން އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ވިޔަސް އެތަނުގެ ބޭނުން އެކަށީގެންވާ ގޮތަކަށް ނުހިފޭ ކަމަށެވެ. އެހެންވެ އެކަން ބަދަލުކުރުމަށްޓަކައި އަމިއްލަ ވިޔަފާރިވެރިންނާއި ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކާ އެކީ ގަން އެއާޕޯޓު ތަރައްގީ ކުރެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި އާއްމުންނަށް ބަދަލު ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ. "ހާއްސަކޮށް ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ބޮޑު ބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓު ހަދާ ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު."

ނަޝީދު ވިދާޅުވި ގޮތުގައި ފައިދާވާ ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ގަން އެއާޕޯޓު ތަރައްގީކުރަން އިނގިރޭސިން މިހާރު ވެސް ޝައުގުވެރިވެ އެވެ. އެގޮތުން ރާއްޖެއާ ބެހޭގޮތުން ކުޑަކޮށް ވެސް މައުލޫމާތު އެނގޭ އެ ގައުމުގެ ވަޒީރެއް ނުވަތަ ވިޔަފާރިވެރިޔަކާ ބައްދަލުވިޔަސް ގަން އެއާޕޯޓާއި އައްޑޫގެ ވާހަކަ އަހާ ކަމަށް ވިދާޅުވި އެވެ.

ގަން އެއާޕޯޓަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރު ތަރައްގީކުރި އެއާޕޯޓެކެވެ. އަދި މިއާ ރާއްޖޭގެ ފުރަތަމަ އެއާޕޯޓް ވެސް މެ އެވެ.

މިހާރުގެ ސަރުކާރުން އަންނަނީ ގަން އެއާޕޯޓް ތަރައްގީ ކުރަން ބޮޑު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަން ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެ އެއާޕޯޓަށް 17 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، އެތަން ތަރައްގީ ކުރަން ނިންމާފައ ވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ގޮތަށެވެ.

އެގޮތުން ޒަމާނީ ފެންވަރަށް ޓާމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަ ސްޓޭޝަނެއް ގާއިމުކުރަން ހަމަޖެހިފަ އެވެ. އަދި އެއާޕޯޓުގައި ކޯލްޑް ސްޓޯރޭޖަކާ އެކީ ކާގޯ ވަސީލަތްތައް އިތުރަށް ތަރައްޤީކޮށް، މަގުތައް ހަދައި ޕާކިންގެ އިތުރުން އެއާޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެ އެވެ.