Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

އިންތިހާބަށް އޮތް ޗޮއިސް އަކީ ރައީސް

މި އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން ޗޮއިސްއެއް އެ ޕާޓީ އަށް ނެތް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އޭނަ ނިސްބަތްވާ އައްޑޫގައި ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނަޝީދު މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ އިރު، މަވޯޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދަށް ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ވާނީ ބަލި ކަމަށެވެ.

"މި ޕްރައިމަރީގެ ތެރެއިން މި ފެންނަނީ ވާދަވެރި ކެންޑިޑޭޓާ ބައިވެރިވެގެން އިދިކޮޅު ޕާޓީ، ޕީޕީއެމުން ހެސް ކިޔާފައި ފިތުނަ ފަތުރާ ތަން،" އޭނާ ވިދާޅުވި އެވެ. "މިކަމުގެ ފަހަތުގައި އޮތީ އެމްޑީޕީ ބަލިކުރުން."

މަވޯޓާ ވިދާޅުވީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނީ ރައީސް ސޯލިހާ އެކީގައި ކަމަށެވެ.

"ރިޔާސީ އިންތިހާބު ކާމިޔާބުވާން އޮތީ ރައީސް ސޯލިހު އެމްޑީޕީގެ ކެންޑިޑޭޓަކަށްވެގެން،" އޭނާ ވިދާޅުވި އެވެ. "އެ ނޫން ޗޮއިސްއެއް ނެތް."

ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. ޕްރައިމަރީ ގާތްވަމުން އަންނަ އިރު، ރައީސާއި ނަޝީދު ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.