Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

ކުރީގެ ދެ އޭޖީއަކު ނަޝީދާ އެކީ

ކުރީގެ ދެ އެޓާނީ ޖެނެރަލުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި ދިޔާނާ ސައީދު ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވައި އެ މަނިކުފާނުގެ ޕްރައިމަރީ ކެމްޕޭނާ ގުޅިވަޑައިގެންފި އެވެ.

ނަޝީދު އިއްޔެ އައްޑު އަށް ވަޑައިގެންނެވި އިރު، އަރިހުގައި އެ ދެ ބޭފުޅުން ވެސް ވަޑައިގެންނެވި އެވެ. ދިޔާނާ އަކީ ނަޝީދުގެ ވެރިލަމުގައި އެޓާނީ ޖެނެރަލްކަން ކުރެއްވި ބޭފުޅެކެވެ. ދިޔާނާ އާއި މުނައްވަރަކީ ވެސް އައްޑޫގެ ބޭފުޅުންނެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމްގެ ވެރިކަމުގައި އެޓާނީ ޖެނެރަލްކަން ކުރެއްވި މުނައްވަރު ނިސްބަތް ވަނީ މީދުއަށެވެ. އޭނަ އަކީ ކުރިން އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

ދިޔާނާ ނިސްބަތް ވަނީ ހުޅުދުއަށެވެ. އޭނ އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާވެރިޔާ އަބްދުﷲ ޖާބިރުގެ ކުރީގެ އަނބިކަނބަލުންނެވެ.

ނަޝީދާ އެކީ އިއްޔެ އައްޑު އަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭނަ އަކީ ނަޝީދަށް ތާއިދުކުރައްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.