Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހެއްކާބެހޭ ގާނޫނުން ޝަރުއީ ނިޒާމަށް އިތުބާރު ބޮޑުވާނެ

ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ސަން އޮންލައިން

އަލަށް އަމަލުކުރަންފެށި ހެއްކާބެހޭ ޤާނޫނުން ޝަރުއީ ނިޒާމަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޝަރުއީ ދާއިރާއަށް އަންނާނޭ އެންމެ ބޮޑު ބަދަލަކީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު އެންމެ ފުރިހަމަގޮތުގައި ލިބިގެން ދިއުން ކަމަށެވެ.

މިވަގުތަކީ ރާއްޖޭގެ ޝަރުއީ ނިޒާމު މިފަދަ ޤާނޫނަކަށް ވަރަށް ބޭނުންވެފައި އޮތް ވަގުތެއްކަން ޝަމީމް ފާހަގަކުރެއްވިއެވެ. އެގޮތުން ޝަރުއީ މަރުހަލާގައި މިހާރު ދިމާވާ ވަރަށް ގިނަ މައްސަލަތަކަށް މި ގާނޫނުން ހައްލު ލިބިގެންދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ޝަމީމް ވިދާޅުވި މިފަދަ ގާނޫނެއްގެ ސަބަބުން ޝަރުއީ ނިޒާމަށް އޮންނަ ޔަގީންކަމާއި އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ. އަދި މި ގާނޫނާއެކު ހެކިބަސް ދިނުން ލާޒިމު ކުރެވޭ ބައިތަކާއެކު ޕީޖީ މަސައްކަތްތަކަށްވެސް ބަދަލުތަކެއް އަންނާނެކަން ފާހަގަކުރެއްވިއެވެ.

ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުޞޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ޤާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.