މިހާތަނަށް އައި އިރު އައްޑޫގައި ޓޫރިޒަމް ދާއިރާ ތަރައްގީވެ ފުޅާވެފައި ނެތުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ފެއިލިއާ ކަމަށާއި މި ސަރުކާރުން އެ ދާއިރާ އިން އައްޑު އަށް ވި ވައުދު ވެސް ފުއްދިފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭނަށް އިއްޔެ އައްޑު އަށް ވަޑައިގެން ހިތަދޫގައި ސަޕޯޓަރުންތަކަކާ އެކީ ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ މި ސަރުކާރުން ވެސް އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ވައުދުވި ނަމަވެސް އެ ވައުދު އޮތީ ފުރިހަމަ ނުވެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ގައި އައްޑު އަށް ވި ވައުދުތަކުގެ ތެރެއިން އެއް ކަމަކީ ދައުރު ނިމޭ އިރު، އައްޑޫގެ ބެޑް ކެޕޭސިޓީ 8،000 އަށް އިތުރުކުރުމެވެ. އެކަމަކު އެއީ ރައީސް ދެވަނަ ދައުރަކަށް ވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ އިރު، ހަގީގަތަކަށް ނުހެދި އޮތް ކަމެކެވެ.

އެކަމާ ގުޅުވައި ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކޮށް ޓޫރިޒަމް ފުޅާކޮށް ބޭރުގެ ޑައިރެކްޓް ފްލައިޓުތަކުގައި ޓޫރިސްޓުން ގެނައުމަކީ ނުކުރެވޭ ވަރުގެ މަސައްކަތެއް ނޫން ކަމަށެވެ. އަދި ޓޫރިޒަމަކީ އައްޑޫ މީހުންގެ ބޮޑު ހިއްސާއެއް އޮތް ކަމަކަށް ވިޔަސް 40 އަހަރު ފަހުން ވެސް އައްޑޫގައި އެކަން ނުކުރެވުމަކީ ރާއްޖޭގެ އެންމެ ބޮޑު ފެއިލިއާ ކަމަށް ވިދާޅުވި އެވެ.
"އެންމެ ސާފުކޮށް އިނގެން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްގީ ހޯދެވެން އޮތް އިންޖީނަކީ އައްޑޫކަން. އައްޑޫގައި އުފައްދާފައިވާ އުމްރާނީ ވަސީލަތްތައް އޮންނަތާ އެތައް ޒަމާނެއްވެއްޖެ، ނަޝީދު ވިދާޅުވި އެވެ. "އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެ ވަސީލަތްތަކުގެ ބޭނުން މި އޮތީ ނުހިފި. މި ތަނުގައި މިހާރު ގެސްޓްހައުސް ޓޫރިޒަމް ހިންގުމަށް އިންޑިއާ ސަރުކާރުގައި އެދިގެން ލިބިއްޖެ ބައެއް ހިލޭ އެހީ. އެ އެހީގެ ދަށުން ގެސްޓްހައުސް ހިމެނޭ ބިންތަކުގައި މަގުތައް ހަދާލެވިއްޖެ."
އެ މަނިކުފާނު ވިދާޅުވީ އައްޑޫގައި ލޯކަލް ޓޫރިޒަމް ކުރިއަރުވަން ކައުންސިލުން ބިންތަކެއް ދިން ނަމަވެސް އެ ތަންތަނުގައި ފެސިލިޓީތައް ނުހެދިގެން އުޅެނީ އެކަމަށް ބޭނުންވާ ފައިސާ ހަމަނުޖެހޭތީ ކަމަށެވެ.

ނަމަވެސް ދާދި ފަހުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލު ވިދާޅުވީ އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ދޫކޮށްފައިވާ ބިންތަކަށް މިހާރު ހުރީ ފައިސާ ހަމަޖެހިފައި ކަމަށެވެ. އެގޮތުން ޓޫރިސްޓް ފެސިލިޓީތައް ހަދަން ފައިސާ ދޭނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް މެދުވެރިކޮށް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ނަޝީދު ވިދާޅުވީ މުޅި އައްޑޫގެ އިގުތިސާދަށް ދިރުން ގެންނަން ބޭނުން ވަނީ 15 ވަރަކަށް މިލިއަން ޑޮލަރެވެ. އެހެންވެ މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، އައްޑޫގެ ޓޫރިޒަމް ޒޯންތަކުގައި ގެސްޓުހައުސްތައް ހެދުމަށް އަންނަ ނޮވެމްބަރު މަހު ލޯނު ދޫކުރާނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ފަސް ޓޫރިޒަމް ޒޯނަކުން 98 ބިން ދޫކޮށްފައިވެ އެވެ. މީގެ ތެރެއިން ބިމެއް މިދިޔަ މަހުގެ 13 ގައި ތުރުކީގެ ވިޒިއޮން ވިލާއާ ވެސް ހަވާލުކޮށްފައިވެ އެވެ. އެއީ 220 އެނދުގެ ފެސިލިޓީއެއް ތަރައްގީ ކުރުމަށެވެ.