Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

ހިތަދޫން ވެސް ގޯތި ދޫކުރާނަން: މޭޔަރު

އައްޑޫގެ ބައެއް އަވަށްތަކުން ގޯތި ދޫކުރަން މިއަދު އިއުލާންކޮށްފައި ވަނިކޮށް އެންމެ އާބާދީ ބޮޑު ހިތަދޫން ވެސް ގޯތި ދޫކުރާނެ ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނަގެ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މި ހަފުތާގައި ހިތަދޫން ދޫކުރަން ކައުންސިލުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ކައުންސިލުން ވަނީ ފޭދު އާއި މީދު އާއި ހުޅުދޫ ހިމެނޭ ގޮތަށް 500 ގޯއްޗަށް ކުރިމަތިލާން މިހާރު ހުޅުވާލައިފަ އެވެ. އެގޮތުން ގޯތިތަކަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ. ގޯއްޗަށް އެދޭ ފޯމް މީދު އާއި ހުޅުދޫގެ އިތުރުން ފޭދޫގެ އަވަށު އޮފީހުން ދޫކުރަން ފަށާނީ އަންނަ މަހުގެ 2 އިން ފެށިގެންނެވެ.

މި އަވަށްތަކުން ގޯތި ދޫކުރަން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ފަހުންނެވެ.

ހުޅުދު އާއި މީދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2،000 އަކަފޫޓްގެ 100 ގޯއްޗެވެ. ފޭދޫން ދޫކުރާނީ 1،500 އަކަފޫޓްގެ 300 ގޯއްޗެވެ.

ގޯތި ދޫކުރަން ހަމަޖެހިފައިވާ ގޮތް:

* ފޭދޫ އަވަށުގެ ރައްޔިތުންނަށް: 270 ގޯތި
* ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 30 ގޯތި
* މީދޫ ރައްޔިތުންނަށް: 90 ގޯތި
* އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 10 ގޯތި
* ހުޅުދޫ ރައްޔިތުންނަށް: 90 ގޯތި
* އެހެން އަވަށްތަކުގެ ރައްޔިތުންނަށް: 10 ގޯތި

ހިތަދޫން ވެސް ގޯތި ދޫކުރަން ކައުންސިލުން ތައްޔާރީތައް ވަމުން އަންނަ އިރު، މިހާރު އިކްއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) ހުރި ސަރަހައްދުން ދޫކުރި ގޯތިތައް ނަގައި ބަދަލުގައި ދޭން ނިންމި ގޯތިތަކުގެ މައްސަލަ މުޅިން ކޮޅެއްގައި ނުޖެހި އޮތުމަކީ ކައުންސިލަށް ކުރިމަތިވެފައި އޮތް މައްސަލައެކެވެ. މިފަދަ ބައެއް ގޯތިތަކުގެ މައްސަލަތަކުގައި ބައެއް މީހުން ކައުންސިލާ ދެކޮޅަށް ކޯޓަށް ވެސް ގޮސްފައިވެ އެވެ.

އޭއީއެޗް ސަރަހައްދުން ދޫކުރި ގޯތިތަކެއް ބަދަލުދޭ ގޮތަށް ނެގީ 2011 ގެ ސާކް ސަމިޓް ބާއްވަން ކޮންވެޝަން ސެންޓަރު އެޅުމުގެ ގޮތުންނެވެ. އޭރު ހެދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ހޮސްޕިޓަލަކަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

އައްޑޫން ގޯތި ދޫކުރަން ހުޅުވާލި އިރު، ސިޓީ އަށް ކުރިމަތިވެފައި އޮތް ބިމުގެ ދަތިކަން ހައްލުކުރަން މިހާރު ވަނީ ބިން ހިއްކަން ވެސް ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. އެގޮތުން ޖުމްލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ.