ސ. މީދޫ މެޖިސްޓްރޭޓް ކޯޓް ތެރޭގައި ނުކިޔަމަންތެރިކަން ދެއްކި ދެ މީހަކާއި ހުޅުދޫ ގޮވާން ދަނޑަކުން ވައްކަން ކުރި މީހަކު ޖަލަށް ލުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކޯޓް ތެރޭގައި އަޑުގަދަކޮށް އަވަގުރާން ގޮވައި ގާޒީގެ މަސައްކަތަށް ހުރަސް އަޅައި ނުކިޔަމަންތެރިކަން ދެއްކި މައްސަލާގައި ދައުލަތުން ދައުވާ ކުރި ދެ މީހުންނަކީ ހުޅުދޫ މުޝްތަރީގޭ އަބްދުލް މުއްނިމް 22، އާއި އެ ރަށު ސަންފްލާވާ އަހުމަދު އިފްޒާލް، 20، އެވެ. މި ދެ މީހުން ޝަރީއަތުގައި އެކަމަށް އިއުތިރާފް ވުމާ ގުޅިގެން ތިން މަސް ދުވަހަށް ޖަލަށް ލުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވެ އެވެ.
މި ދެ މީހުން ކޯޓް ތެރޭގައި ނުކިޔަމަންތެރިކަން ދައްކާފައި ވަނީ ޖޫން 28، 2009 ގައި ހުޅުދޫގއި ގްރޫޕް ހަދައިގެން ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމާ ގުޅިގެންނެވެ.
ހުޅުދޫ ގޮވާން ދަނޑަކުން ވަގަށް މިރުސް ބިން މައްސަލާގައި ދައުވާ ކުރި އެ ރަށު ނާދީ މުޒްލިފް ޖައުފަރު، 20، ވެސް ވަނީ ކުށަށް ޝަރީއަތުގައި އިއުތިރާފްވެފަ އެވެ. އެގޮތުން އޭނާ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ނޮވެމްބަރު 25، 2011 ގައި އޭނާ ކުރި ވައްކަމުގެ މައްސަލަ ތަހުގީގުކޮށް ނިންމައި، ދައުވާކޮށް ދިނުމަށް ކޯޓަށް ވައްދާފައި ވަނީ ސެޕްޓެމްބަރު 4، 2012 ގަ އެވެ.