Last Updated: April 23, 23:56
Tuesday, April 23, 2024
މުނިފޫހިފިލުވުން

ކަންގަނާ އަލުން ޓްވިޓާ އަށް

ޓްވިޓާގެ އުސޫލުތަކާ ހިފާލުވެގެން އެ ޕްލެޓްފޯމުން ބޭރުކުރި ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނާވަތުގެ ޓްވިޓާ އެކައުންޓް އަލުން އިޔާދަކޮށް ދީފި އެވެ.

އޭނަގެ އެކައުންޓް އިޔާދަކޮށް ދިނުމާ އެކީ އިއްޔެ އެންމެ ފުރަތަމަ ކުރި ޓްވީޓްގައި ބުނީ އަލުން އެނބުރި ޓްވިޓާ އަށް އާދެވުމަކީ އުފަލެއް ކަމަށެވެ. ކަންގަނާގެ އެ ޓްވީޓް ތިން މިލިއަނަށް ވުރެ ގިބަ މީހުން ބަލާފައިވާ އިރު، 50،000 އަށް ވުރެ ލައިކް ވެސް ލިބިފައިވެ އެވެ. ކަންގަނާ ޓްވިޓާ އިން ބޭރުކުރީ 2021 ގެ މެއި މަހުގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން އޭނަ އޭރު ޓްވިޓާގެ ސީއީއޯ ޖެކް ޑޯޯޒީ އަށް ވަރަށް އެއްޗެހި ވެސް ކިޔާފައިވެ އެވެ.

ކަންގަނާގެ ޓްވިޓާ އަލުން އިޔާދަކޮށް ދީފައި ވަނީ މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޓްވިޓާ ބައްލަވަލައިގަތުމާ އެކީ ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

ޓްވިޓާ އިން ކަންގަނާ ފޮލޯކުރާ މީހުންގެ އަދަދު 2.9 މިލއަނަށް އަރަ އެވެ. އެކަމަކު އޭނަގެ އެކައުންޓް މިހާރު ވެރިފައިއެއް ނޫނެވެ.

އިިއްޔެ ކަންގަނާ ވަނީ އޭނަ ޑައިރެކްޓްކޮށް ކުޅޭ ފިލްމު "އިމަޖެންސީ" ގެ ޝޫޓިން ނިމުނު ވާހަކަ އާއި އެ ފިލްމު މި އަހަރުގެ އޮކްޓޯބަރު 20 ގައި ސިނަމާތަކަށް ގެންނާނެކަން ވެސް ޓްވިޓާގައި އިއުލާންކޮށްފަ އެވެ.