ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ ހިތަދޫ ކެމްޕަހުގެ ފަރާތުން އައްޑޫގެ ސްކޫލްތަކުން ހޮވާލެވޭ ކުދިންތަކެއް ހޭލުންތެރިކަމުގެ ޕްރޮގްރާމަކަށް ޝަންގްރިއްލާއަށް ގެންދިއުމަށް ނިންމައިފި އެވެ.
ހިތަދޫ ކެމްޕަހުން ބުނީ އެ ކެމްޕަހުން ކުރިއަށް ގެންދާ ބެޗްލަރ އޮފް ބިޒްނަސް ޓޫރިޒަމް މެނޭޖްމަންޓު ކިޔަވާ ދަރިވަރުން އިންތިޒާމް ކުރާ އިވެންޓަށް ގެންދިއުމަށް ނިންމާފައިވަނީ ޕްރައިމަރީ ގްރޭޑް ތަކުން ހޮވާލެވޭ ކުދިން ތަަކަށް ކަމަށެވެ.
ކެމްޕަހުން ބުނީ ސްކޫލްތަކުން ޝަންގްރިއްލާއަށް ގެންދާ ކުދިންނަށް އެރިސޯޓުން ކުރިއަށް ގެންދާ ތިމާވެއްޓާއި ގުޅޭ ހަރަކާތްތައް ދައްކާލާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެތަނުން ކުރިއަށްގެންދާ ތިމާވެއްޓާއި ގުޅޭ ތަފާތު ޕްރޮގްރާމާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތުގައި ބައިވެރިވާ ހުޅުމީދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ސްކޫލްތަކުގެ ދަރިވަރުން ޝަންގްރިއްލާއަށް ދިއުމަށް ހަމަޖެހިފައިވަނީ ޖޫން 4 ގައެވެ. އަދި ފޭދޫ އަދި ހިތަދޫގެ ސްކޫލްތަކުގެ ދަރިވަރުން ޝަންގްރިއްލާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖޫން 5 ވަނަ ދުވަހުގައެވެ.
ކެމްޕަހުން ބުނީ މި ހަރަކާތަށް ތަފާތު ފަރާތްތަކުން ސްޕޮންސާގެ އެހީ ލިބިފައިވާ ކަމަށާއި ހާއްސަކޮށް ޝަންގްރިއްލާގެ ފަރާތުން މިކަމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ.