Last Updated: June 29, 10:25
Monday, June 29, 2026
ސިޔާސީ

ފުރަތަމަ ބިލް ރޮޒެއިނާގެ ފަރާތުން!

އަށާރަ ވަނަ ރައްޔިތުންގެ މަޖްލިސްއަށް ހުށަހެޅި ފުރަތަމަ ބިލް މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް ޑެޕިއުޓީ ލީޑަރު ރޮޒެއިނާ އާދަމް ހުށަހަޅައިފި އެވެ.

"ސިއްހީ ފަރުވާ ދިނުމުގައި އިހްމާލު ވުމުގެ ބިލް"ގެ ނަމުގައި ރޮޒެއިނާ ހުށަހެޅުއްވި ބިލް ވަނީ މަޖިލީހުގެ އިދާރާ އިން ބަލައިގެންފަ އެވެ.

މިއަދު މަޖލީހަށް ހުށަހެޅި ބިލްގަވާ ގޮތުން ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން މާލީ ގޮތުން ލިބުނު ގެއްލުމަކަށް ބަދަލު ހޯދުމަށް ކޯޓުގައި އެދެވި ދާނެ އެވެ.

އެގޮތުން ވަޒީފާ އަދާކުރާ މީހަކާ މެދު ސިއްހީ ފަރުވާދޭ މީހަކުވި އިހްމާލެއްގެ ނަތީޖާއެއްގެ ގޮތުން އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވިއްޖެ ނަމަ އެ މީހަކަށް ވަޒީފާ އަށް ނުނިކުމެވުނު ދުވަސްތަކަށްވާ އަދަދަށް ފައިސާގެ ބަދަލު ހޯދުމަށް ކޯޓުގައި އެދެވިދާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ހަމަ އެހެންމެ ސިއްހީ ހިދުމަތް ދިނުމުގައި އިހުމާލުވުމުގެ ސަބަބުން އޭނާ އިތުރަށް ހޯދަން ޖެހުނު ފަރުވާ އަށް ދިޔަ ހަރަދު ވެސް ހޯދަން ކޯޓުގައި އެދެވޭނެ ކަމަށް އެ ބިލްގައި ބުނެ އެވެ.

އެ ބިލްގައިވާ ގޮތުން ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި ތިބޭ ނަރުހަކު ނުވަތަ ޑޮކްޓަރަކު އިހްމާލުވި ކަމަށް ދައުވާ ކުރުމުގެ އިތުރުން އެ މަރުކަޒުން އިހްމާލްވި ކަމަށް ގަބޫލުކުރެވޭ ނަމަ އެތަނަކާއި ދެކޮޅަށް ވެސް ދައުވާ ކުރެވިދާނެ އެވެ.

ސިއްހީ ހިދުމަތެއް ދިނުމުގައި އިހުމާލުވެފައިވުމުގެ ދައުވާ ލިބޭ ފަރާތުން އިހްމާލްވެފައިނުވާކަން ސާބިތުކުރެވޭނެ ގޮތްތަކާއި އަދި އެމީހަކު އިހްމާލު ވެފައިވާކަން ސާބިތުކުރެވޭނެ ގޮތުގެ ތަފްސީލް އެ ބިލްގައި ވަނީ ހިމަނައިފަ އެވެ.