Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ޔުނައިޓެޑް ލީގު ކަޕް ފައިނަލާ ގާތަށް

އިނގިރޭސި ލީގު ކަޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ނޮޓިންހަމް ފޮރެސްޓް އަތުން މޮޅުވެ، ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ޔުނައިޓެޑަށް އެންމެފަހުން ތަށްޓެއް ކާމިޔާބު ކުރެވުނީ 2017 ގައި ކަމަށްވާއިރު އެފަހަރު އެޓީމުން ހޯދީ ޔޫރޮޕާ ލީގެވެ.

ފޮރެސްޓްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ހަވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފަ އެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބުކުރީ ފޮރެސްޓްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުންނެވެ. މިއީ ވޯލްޑް ކަޕަށްފަހު ކުޅުނު 10 ވަނަ މެޗުގައި ރަޝްފޯޑް ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ވޫޓް ވެގޯސްޓް ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު މިއީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ. ދެވަނަ ހާފްގައި ވެސް ޔުނައިޓެޑުން ދިޔައީ ފޮރެސްޓްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނެޓްގައި ބްރޫނޯ ފަނާންޑޭސް ވަނީ ޔުނައިޓެޑްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެ އެވެ.

ލީގު ކަޕްގެ އަނެއް ސެމީގައި ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާއި ސައުތެމްޓަން އެވެ. އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު 1-0 އިން ކާމިޔާބުކުރީ ނިއުކާސަލް އިންނެވެ.