ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ނިންމައިލާ ޖަލްސާ އައްޑޫގައި ބާއްވާތީ އެ މަނިކުފާނަށް އޮތް ތާއިދާ އެކީ އައްޑޫގެ ބޮޑު މަންޒަރު މިރޭ ފެންނާނެ ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އޭނަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް އައްޑޫން އޮތް ތާއީދު ދައްކައިލުމަށްޓަކައި އެ މަނިކުފާނަށް މަރުހަބާ ކިޔަން ތައްޔާރުވަމުން ކަމަށެވެ.
"އައްޑޫގެ ބޮޑު މަންޒަރު މިރޭ ފެނިގެން ދާނެ." މަވޯޓާ ވިދާޅުވި އެވެ.
Addu City in bodu manzaru mirey fenigen dhaane. Alhugandumen mi dhanee @ibusolih marahabaa kiyan thayyaaru vamun.
— Ibrahim Shareef (@AdduShareef) January 26, 2023
ރައީސްގެ ކެމްޕޭން ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ހިތަދޫ ސްޓޭޖް ސަރަހައްދުގަ އެވެ. އެ ޖަލްސާ ފަށާނީ 8:30 ގަ އެވެ. ރާއްޖެ ޓީވީ އާއި ސަންގު ޓީވީން ޖަލްސާ ލައިވް ވެސް ކުރާނެ އެވެ. ޖަލްސާ އަށް ރައީސް އައްޑު ވަޑައިގަންނަވާތީ އެކަމުގެ ތައްޔާރީތައް ސަޕޯޓަރުން އަންނަނީ ވަރަށް ފޯރީގައި ކުރަމުންނެވެ. ރައީސްގެ ކެމްޕޭން އައްޑޫ ނިންމައިލާ އިރު، މި މަހުގެ 13-15 އަށް ވެސް އެ މަނިކުފާނު އައްޑު އަށް ދަތުރެއްކުރެއްވި އެވެ.
އެ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވަކިވަކިން ވަޑައިގެން ތާއީދު ހޯއްދެވުމަށް މަސައްކަތްކުރި އެވެ.
އެމްޑީޕީގެ ޕްރައިމަރީ ހޮނިހިރު ދުވަހު ބާއްވާ އިރު، އޭގައި ވާދަކުރައްވާ މުހައްމަދު ނަޝީދުގެ ކެމްޕޭން ނިންމާ ޖަލްސާ މިރޭ އޮންނާނީ މާލޭ އާޓިފިޝަލް ބީޗްގަ އެވެ. ނަޝީދު ވެސް މި ހަފުތާގެ 23-25 އަށް އައްޑޫގައި ކެމްޕޭންކުރެއްވި އެވެ.