Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

އަމީތާބަށް ސައުދީން އެވޯޑެއް

ހިންދީ ސިނަމާ އަށް މިހާތަނަށް ކޮށް ދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް ބޮލީވުޑްގެ މަޝްހޫރު ތަރި އަމީތާބް ބައްޗަނަށް ސައުދީ އަރަރބިއްޔާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފި އެވެ.

މި އެވޯޑް 80 އަހަރުގެ ތަރި އަށް ދިނީ ޖޯއި އެވޯޑް ހަފުލާގަ އެވެ. އެ އެވޯޑަކީ އަރަބި ދުނިޔޭގައި މުނިފޫހި ދާއިރާ އިން ދޭ އެވޯޑެކެވެ. ސައުދީގެ އެވޯޑް ހަފުލާގެ ވީޑިއޯއެއް ވެސް އަމީތާބް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ޖޯއި އެވޯޑް ހަފުލާގައި އަމީތާބް ބައިވެރިވީ ދެ ދަރިން ކަމަށްވާ ޝްވޭތާ ބައްޗަނާއި އެކްޓަރު އަބީޝެކް ބައްޗަނާ އެކީގަ އެވެ. އަމީތާބް ވަނީ ސައުދީން ލިބުނު އެވޯޑާ ގުޅިގެން ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އެކަން ބޮޑު ޝަރަފެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެ އެވެ. އަމީތާބް ބުނި ގޮތުގައި ސައުދީން ލިބުނު އެވޯޑަކީ މުޅި އިންޑިއާ އަށް ލިބުނު އެވޯޑެކެވެ.

ޖޯއި އެވޯޑްސް އުން ފާހަގަކޮށްފައިވާ ގޮތުގައި މިހާތަނަށް މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ އަމީތާބަކީ ފިލްމީ ދުނިޔޭގެ "ގްލޯބަލް އައިކަން" އެކެވެ.

އަމީތާބަކީ އުމުރުން ދުވަސް ވިޔަސް އަދިވެސް ދެ ގޮތެއް ނުވެ ފިލްމީ މަސައްކަތުގައި ދެމިހުރި ވަރަށް ކާމިޔާބު އަދި އެހާމެ މަގުބޫލު ޝަހުސިއްޔަތެކެވެ. އޭނަ މިދިޔަ އަހަރު ހަތް ފިލްމަކުން ފެނިފައިވެ އެވެ. އެއީ "ޖުންދު"، "ގުޑްބާއި"، "ބުރައްމަސްތުރާ"، "އޫޗާއީ"، "ރަންވޭ" އިތުރުން ހާއްސަ ފެނިލުންތަކުން ފެނިގެން ދިޔަ "ޗުޕް: ރިވެންޖް އޮފް ދި އާޓިސްޓް" އާއި "ފަކްތު މަހިލާއޯ މާތޭ" އެވެ.

މި އަހަރު ވެސް އަމީތާބް ފަސް ވަރަކަށް ފިލްމުން ފެންނާނެ އެވެ. އޭނަގެ އެކްޓިން ދަތުރުގެ ފެށުމަކީ 1969 ގެ "ސާތު ހިންދުސްތާނީ" އެވެ.