Last Updated: April 20, 13:04
Saturday, April 20, 2024
ދުނިޔެ

ޓްރަމްޕްގެ އެފްބީ އިޔާދަކޮށް ދެނީ

ފޭސްބުކާއި އިންސްޓަގްރާމުން މީގެ ދެ އަހަރު ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

އެ ޕްލެޓްފޯމްތައް ހިންގާ މެޓަ އިން ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކައުންޓްތައް އިޔާދަކޮށްދޭނެ ކަމަށެވެ. އަދި އެގޮތަށް ނިންމީ ސިޔާސީ މީހުންނަށް އެ މީހުންގެ ހިޔާލު އާންމުންނަށް ހިއްސާކުރަން ހުޅުވިފައިވާ ފަހި ފުރުސަތުތަކެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާތީ ކަމަށް ފޭސްބުކާއި އިންސްޓަގްރާމް ހިންގާ ކުންފުނި މެޓަގެ ގްލޯބަލް ޕްރެޒިޑެންޓް ނިކް ކްލެގް ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި ޓްރަމްޕާ މެދު ފިޔަވަޅު އަޅަން ޖެހުނީ މަޖުބޫރުވެގެންނެވެ. ފޭސްބުކާއި އިންސްޓަގްރާމުން ޓްރަމްޕް ބޭރުކުރީ ވެރިކަމުގެ ދެވަނަ ދައުރަކަށް 2020 ގެ އިންތިހާބުގައި ވާދަކުރައްވައި، ބަލިވެވަޑައިގަތުމުން ޖެނުއަރީ 6، 2021 ގައި ސަޕޯޓަރުންތަކަކަށް ހިތްވަރުދެއްވައި، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކެޕިޓޮލް ހިލް އަށް ވަދެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަން ހިތްވަރު ދެއްވުމާ ގުޅިގެންނެވެ.

އޭރު ފޭސްބުކާއި އިންސްޓަގްރާމްގެ އިތުރުން ޓްވިޓާ އާއި ޔޫޓިއުބުން ވެސް ޓްރަމްޕް ބޭރުކުރި އެވެ. ޓްރަމްޕްގެ ޓްވިޓާ އެކައުންޓް ވަނީ މިދިޔަ ނޮވެމްބަރު މަހު އިޔާދަކޮށް ދީފަ އެވެ.

ނިކް ކްލެގް.

ނިކް ވިދާޅުވީ ޓްރަމްޕަށް އަލުން ފޭސްބުކާއި އިންސްޓްގްރާމް ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށް ދެނީ އޭނަގެ ފަރާތުން މިހާރު މުޖުތައަށް އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށެވެ. އަދި އެކައުންޓްތައް އިޔާދަކޮށް ދެނީ އެ މައްސަލަ ވަރަށް ބޮޑަށް މުރާޖާކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.

އެމެރިކާގެ 45 ވަނަ ރައީސް ވަނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރައްވަން ނިންމަވައިފަ އެވެ.