Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު އެމްޑީޕީ

އިންތިހާބުގެ ތައްޔާރީތައްވެ ނިމިއްޖެ: އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ތެރެއިން -- ފޮޓޯ / އެމްޑީޕީ

ހޮނިހިރު ދުވަހު ބާއްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރިއަށް ވާންޖެހޭ ހުރިހާ ތައްޔާރީތައްވެ ނިމިފައިވާ ކަމަށް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީ ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޓީގައި ހިމެނޭ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބާ ބެހޭ ގަވައިދުތަކާ އެއްގޮތަށް ހުރިހާ ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަންކަމުގެ މައުލޫމާތު އޮފިޝަލުންނަށްވެސް ހިއްސާކޮށްފައިވާ ކަަމަށެވެ.

އިބްރާހިމް ވަހީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށާއި، ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ހަވީރު 05:00 އަށް ކަމަށެވެ.

އެމްޑީޕީގެ ވޯޓުފޮށިތައް އުފުލުމުގައި އެމްޓީސީސީގެ ވެހިކަލެއް ބޭނުންކުރިކަމަށް ސޯޝަލްމީޑިއާގައި ދެކެވޭ ވާހަކައާ ގުޅިގެން އިބްރާހިމް ވަހީދު ވިދާޅުވީ، އެމްޓީސީސީއަކީ ކުރިންފެށިގެންވެސް ޕްރައިވެޓް ހަޔަރގެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތެއް ކަމަށާއި، އެމްޑީޕީގެ އޮފީހުން އެއާޕޯޓަށް ވޯޓު ފޮށިތައް އުފުލާފައިވަނީ ޕްރައިވެޓް ހަޔަރގެ ގޮތުގައި އެމްޓީސީސީއަށް ލާރި ދައްކައިގެން ކަމަށެވެ.

މީގެއިތުރުން އިބްރާހިމް ވަހީދު ވަނީ ހޮނިހިރު ދުވަހު ވޯޓު ލުމަށް އެމްޑީޕީގެ މެންބަރުން ނިކުތުމަށް އެދިފައެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކަންކަން ރޭވިފައިވާނީ ދެ ކެނޑިޑޭޓުންނަށްވެސް އިންސާފުވެރިވާނެ ގޮތަށް ކަމަށެވެ.

އިންތިޒާމު ކޮމިޓީން ލަފާކުރާ ގޮތުގައި މި އިންތިހާބުގައި އެމްޑީޕީގެ މެންބަރުންގެ 60 އިންސައްތައާއި 70 އިންސައްތައާ ދެމެދުގެ އަދަދެއް ވޯޓުލާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީއަސް ދެ ކެނޑިޑޭޓުންވެސް އަންނަނީ ފޯރީގައި ކެމްޕޭން ކުރައްވަމުންނެވެ.