Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ބޮލީވުޑް ބޮއިކޮޓަށް ދިން ރައްދަކީ "ޕަތާން"

ފަހަކަށް އައިސް ބޮލީވުޑްގެ ފިލްމުތައް ބޮއިކޮޓްކުރަން ގޮވާލައި އެ އިންޑަސްޓްރީ އަށް ފާޑުކިޔާ މީހުންނަށް އިއްޔެ ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ވަރުގަދަ ރައްދެއް ކަމަށް ކަރަން ޖޯހަރް ބުނެފި އެވެ.

އެ ފިލްމު ބަލާފައި އޭގެ ޕޯސްޓަރަކާ އެކީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ވަނީ ފިލްމުގެ ޓީމަށް ވަަރަށް ބޮޑަށް ތައުރީފުކޮށް ވަރުގަދަ ފިލްމެއް ގެނެސްދިނީތީ ޝުކުރު ވެސް އަދާކޮށްފަ އެވެ. ކަރަން ޕޯސްޓްގައި ބުނީ "ޕަތާން" އަކީ ބޮލީވުޑާ ދިމާކުރާ މީހުންނަށް އިންޑަސްޓްރީން ދިން ރައްދެއް ކަމަށާއި އެ އިންޑަސްޓްރީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

"ޕަތާންގެ ވަރުގެ ގަޔާވި ފިލްމެއް މި ފަހުން ބެލުނު ހަނދާނެއް ވެސް ނެތް. މިއީ ވަރުގަދަ ބްލޮކްބަސްޓާއެއް. ފިލްމުގެ ތަރިން ވެސް ވަރަށް މޮޅު." ފިލްމުގެ ތަރިން ކަމަށްވާ ޝާހްރުކާއި ދީޕިކާ ޕަދްކޯންގެ އިތުރުން ޖޯން އަބްރަހަމް ޓެގްކޮށް ކަރަން ބުންޏެވެ.

އޭނަގެ ޕޯސްޓްގައި ވަނީ "ޕަތާން" ގެ ޕްރޮޑިއުސަރު ގާތް އެކުވެރިޔާ އަދިތިޔާ ޗޯޕްޅާ އާއި ޑައިރެކްޓަރު ސިދާތު އާނަންދަށް ވެސް ތައުރީފުކޮށްފަ އެވެ.

"އަދީ އަކީ އާންމުންނަށް ފެންނަ މީހަކަށް ނުވިޔަސް، އޭނަގެ ތަސައްވުރު މިއޮތީ ޕަތާން ވަރަށް ސާފުކޮށް ފެންނަން. ސިދާތަކީ މި ފެންވަރުގައި ފިލްމު ހެދޭނެ މަދު ޑައިރެކްޓަރުންގެ ތެރެއިން އެކަކު." ކުޗް ކުޗް ހޯތާ ހޭ އާއި ކަބީ ހުޝީ ކަބީ ޢަމް އަދި އޭ ދިލް ހެ މުޝްކިލް ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ކަރަން ބުނި ގޮތުގައި ޝާހްރުކް "ޕަތާން" އިން އެނބުރި މި އައީ އޭނަގެ ބޭނުން ވެސް އިންޑަސްޓްރީ އަށް ބޭނުން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. އެހެންވެ މި ފިލްމަކީ މުޅި ބޮލީވުޑްގެ ހުނަރު ފެނިގެންދާ ފިިލްމެއް ކަމަށް ބުންޏެވެ. ކަރަން ބުނީ ފިލްމު ބެލި އިރު އޭނަ އެންމެ ގަޔާވި މަންޒަރުތަކަކީ ޝާހްރުކާ އެކީ ހާއްސަ ފެނިލުމަކުން ސަލްމާން ޚާނާ އެކީ ހިމެނޭ މަންޒަރުތަކެވެ.

"ޕަތާން" އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން މިހާރު އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.