Last Updated: April 24, 12:56
Wednesday, April 24, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(މެއި 27، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

މަޑުމަޑުން ހުރިހާ އެއްޗެއް އޭނާގެ ލޯމަތިން ގެއްލެމުން ގޮސް އެއްކޮށް ގެއްލިގެން ދިޔަ އެވެ. ހީނާ އަށް ލޯ މެރުނީ ކޮން ފަދަ ހިނދުކޮޅެއްގައި ބާވަ އެވެ؟ ކޮންމެ ހިނދުކޮޅަކީ ބިރުވެރިކަމާއި ނާމާން ކަމުން ފުރިގެންވާ ވަގުތު ކޮޅެކެވެ.

އިސާހިތަކު މުޅިތަން އެއްކޮށް ޓްރެފިކްތަކުން ހަލަބޮލިކަން އުފެދިގެން ދިޔަ އެވެ. ކައިރީ ހޮސްޕިޓަލުން އެންބިޔުލަންސް އަވަސް އަރުލާފައި ހަރަކާތްތެރިވަމުން ދިޔަ އެވެ. ހަމަ އެއާ އެކު އަލިފާން ނިއްވާ ސިފައިންނާއި ސަލާމަތީ ބާރުތަކުގެ ސިފައިންގެ ތަފާތު ވެހިކަލްތައް ވެސް އައިސް ތަނުގެ ސަލާމަތީ ކަންތައް ބަލަމުން ދިޔަ އެވެ.
ޓްރެފިކްތަކުގެ ތެރޭގައި ޖާނުން ފިދާވި މީހެއް ބޮމެއް ގޮއްވާލީ އެވެ. ސިފައިން ބުނާ ގޮތުގައި އިތުރު ބޮންތަކެއް ވެސް ހުރެދާނެ އެވެ.

ސަލާމަތުން ތިބި މީހުން ވެސް ތިބީ މާޔޫސީ އާއި ބިރުވެރިކަމުގަ އެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ދެންމެ ސަކަރާތް ޖަހާފައި ހީނހީނފައި އުޅުނު މީހުން މިހާރު އެތިބަ މަރާ ހަނގުރާމަ ކުރަނީ އެވެ. ހޮސްޕިޓަލުން އައި ގްރޫޕަކުން މީހުން މީހުންގެ ހަށިގަނޑުތައް ވެސް ނަގާ އެއްކުރަމުން އަދި ސަލާމަތުން ތިބި މީހުންނަށް އަވަސް ފަރުވާ ދެވޭތޯ މިންނެތް މަސައްކަތް ކުރަމުން ދިޔަ އެވެ.

އެތަނުގެ ކައިރިން ދިޔަ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާވެ، އަސަރުކޮށްފައިވެ އެވެ. ހަމަ އެ ވަގުތު ނޫސްވެރިންގެ ޓީމާއި ތަފާތު ޓީވީތަކުގެ މީހުން ވެސް މި ޙަބަރު އަވަހަށް ކަވަރު ކުރެވޭތޯ އެ ޙާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވާން ފެށި އެވެ.

ކޮންމެ މީހަކަށް ވެސް ވަނީ ބުނަން ނޭނގޭ ވަރަށް އަސަރުކޮށްފަ އެވެ. ކާކު، ކޮން ޢާއިލާއެއްގެ، ވަކި ޤައުމެއް ނޭނގޭ އެތަކެއް މީހުންނަށް މި ވަނީ އަނިޔާވެފަ އެވެ. އެތައް ބަޔަކު މަރުވެފަ އެވެ.

މި ޙަމަލާ މި އައީ ކޮން ޓެރަރިސްޓް ގްރޫޕަކުން، ކީއްވެގެން ކަމެއް ވެސް އަދި ނުމެ އެނގޭމެ އެވެ. އެނގޭހާ ވެސް ކަމަކީ މީހަކު ޖާނުން ފިދާވެގެން ބޮމެއް ގޮއްވާލީކަމެވެ. އަދި އެ ބޮން ގޮއްވާލުމުގެ މަޤުސަދެއް އެއީ ކާކަށް ދިން ހަމަލާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ

.

ސިފައިންގެ މިންނެތް މަސަައްކަތުން ވަރަށް ގިނަ މީހުން ކައިރީގައި ހުރި ހަތަރު ހޮސްޕިޓަލަށް ފޮނުވައި، ދުއްވާ އެއްޗިހީގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރަމުން ދިޔަ އެވެ. އެކަމަކު އަލިފާން އެއްކޮށް ނިއްވަން ވަގުތު ކޮޅެއް ނަގާނެ ކަމުގައި ޕޮލިހުން އައިސް ހުރި އިންޗާޖް ބުނެލި އެވެ.
އަލިފާންގަނޑު ތެރޭގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފަޔާ ޕޮލިހުންގެ ވެސް ދެ މީހަކު ޝަހީދު ވިއެވެ.
ކުޑަކުދިންނާއި ގިނަ ޢަދަދެއްގެ އަންހެންވެރިންނަށް ވެސް އަނިޔާވެ ބައެއް މީހުން މަރުވެފައިވާކަން އެނގުނެވެ.

ހީނާ ވެސް ވިއްސައިގެން ގޮސް ޖެހިފައި އޮތީ މާ ދުރުގަ އެވެ. އަލިފާނުގެ އަސަރު ވެސް ހީނާގެ ހަށިގަނޑުގެ އެތައް މިތަނަށް ކޮށްފައިވެ އެވެ.

އެންމެ ފުރަތަމަ ހޮސްޕިޓަލަށް ފޮނުވުނު މީހުންގެ އެންބިޔުލަންސް ތެރޭގައި ހީނާ ވެސް ހިމެނުނެވެ. އޭނާގެ މޫނުން ވެސް ބައެއް ވަނީ އަނދައިގެން ގޮސްފަ އެވެ. އަދި އަތުގެ އެތަން މިތަނުގައި ޒަޙަމްތައް ވެއެވެ. ވަރަށް ނުރައްކާތެރިކޮށް ހީނާގެ ބޮލަށް އަނިޔާވެފައިވެ އެވެ.

ނަވަލޯކާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް ހީނާ އޮތީ ހޭނެތިފަ އެވެ. ވަގުތުން ހީނާ އަށް އައިސީޔޫގައި ފަރުވާ ދެވެން ފެށުނެވެ.
އައިސީޔޫއަށް ވެއްދީ އެންމެ ބޮޑުވަރުވެފައި ތިބި މީހުންނެވެ. ހީނާއަކީ ވެސް އެންމެ ބޮޑުވަރު ވެފައި ސަލާމަތް ވާނެ ކަމުގެ އުއްމީދުވެސް ނެތް ޕޭޝަންޓެކެވެ. އޭނާ އޮތީ ބޮލަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކޯމާއަކަށް ގޮސްފަ އެވެ.
ހީނާއަކީ ކާކު ކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ. އެއްވެސް ކަހަލަ އައިޑީ ކާޑެއް ހީނާ އާ ބެހޭ މަޢުލޫމާތެއް އެނގޭކަށް ނެތެވެ.
ހީނާގެ ޖިންސުގެ ޖީބުގައި ވެސް ލަންކާގެ 1،000 ރުފިޔާ ފިޔަވައި އިތުރު އެއްޗެއް ނެތެވެ. އޭނާގެ އެއްވެސް މަޢުލޫމާތެއް ލިބޭނެ ގޮތެއް ހީނާއަކީ ކޮން ޤައުމަކުން އައި ކާކު ކަމެއް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. ހީ

ހީނާގެ އަތުގައި އަތް ދަބަހެއް އޮތް ނަމަ އެ ވެސް ވާނީ ހީނާ ވިއްސައިގެން ދިޔައި ރު މާ ދުރަށް ވިއްސައިގެން ގޮސް ކަމަށް އެ މީހުން ޤަބޫލް ކުރެ އެވެ. ވާނީ ވެސް އެހެން ނޫންތޯ އެވެ؟

ހީނާގެ ޕާސްޕޯޓް ވެސް އޮންނާނީ ހިލްޓަން ހޮޓަލްގަ އެވެ. ހީނާ ބޭރަށް ނިކުތީ އެއްވެސް ދަބަހެއް ވެސް ހިފައިގެން ނުމެ ނޫނެވެ. ހީނާ އާ އެކު ދެން ވެއްދި ހާލު ބޮޑު މީހާ ވެސް ނިޔާވީ އެވެ. ހީނާ އަދިވެސް މަރާ ހަނގުރާމަ ކުރަމުން ދިޔަ އެވެ.

އޭނާގެ ކައިރީގައި ޑޮކްޓަރުންގެ ޓީމެއް މަސައްކަތް ކުރަމުން ދިޔަ އެވެ. ކޮންމެ މީހަކު ވެސް ބޭނުން ވަނީ ހީނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ ބަލާށެވެ. ނަވަލޯކާ އަށް ގެނައި ފުރަތަމަ ދެ އެންބިޔުލަންސްގައި ތިބީ ހާދިސާގެ ސަބަބުން މަރުވެފައި ތިބި މީހުންނެވެ. ހީނާ ގެނައި އެންބިޔުލަންސް އައީ ހުސް ބޮޑު ވަރުވެފައި ތިބި މީހުންނެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.