Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު އެމްޑީޕީ

ލިސްޓުގައި ނެތް މީހުން ވޯޓުލާން ދާން ދަނީ މެސެޖު ކުރަމުން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓާޒް ލިސްޓުގައި ނަން ނެތް ފަރާތްތަކަށް، ވޯޓުލުމަށް ދިއުމަށް އެދި މެސެޖު ކުރަމުން ގެންދާކަމަށް އިންތިހާބާ ބެހޭ ކޮމިޓީން ބުނެފިއެވެ.

އެމްޑީޕީ ޕްރައިމަރީއަށް ހޮވި ފަސް މެންބަރުންގެ ކޮމިޓީން މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި މި ވާހަކަ ހިއްސާކޮށްފައިވާއިރު، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޗެއަރޕާސަންގެ ނައިބު އިދާރީ އިބްރާހިމް ވަހީދު ވިދާޅުވީ، ޕާޓީން ވަކިކޮށްފައި ތިބި މެންބަރުންނަށް އެދުވަހު ނިކުމެ ވޯޓުލުމަށް އެދި މެސެޖު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ވޯޓުލުމަށް ދިއުމުން ވޯޓު ލެވޭނެ ކަމަށް އެ ފަރާތްތަކުގެ ކައިރީގައި ބުނަމުން އަންނަކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އިބުރޭ ވިދާޅުވީ، ވޯޓު ލާ ލިސްޓުގައި ނަން ނެތްބަޔަކު އެތަނަށް ދިޔަޔަސް ވޯޓެއް ނުލެވޭނެ ކަމަށެވެ. އަދި ވޯޓުލެވޭ މީހުންގެ ލިސްޓުގައިވާ ފަރާތްތަކުން އެ ގަޑީގައި ވޯޓު ލުމަށް ދިއުމަށް އެދޭ ކަމަށެވެ. އަދި ލިސްޓުގައި ނަން ނެތް ބަޔަކު ވޯޓުލުމަށް ނެރުމަށް މެސެޖުކޮށް ނެހެދުމަށްވެސް ގޮވާލާފައިވެއެވެ.

މި ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ ދަފުތަރުން 39،398 މެންބަރުން ވަކިކުރުމުން އެކަމުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެ މެންބަރުންނަށް ވޯޓުލެވޭނެ ގޮތެއް ހެދުމަށް ރައީސް ނަޝީދުގެ ފަރާތުން ޝަކުވާވެސް ހުށަހެޅިއެވެ. ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުނެފައިވަނީ އެކަމަކީ ރައިސް ނަޝީދަށް ވޯޓުދިނުން އެންމެ ގާތް މެންބަރުންގެ ވޯޓު ލުމުގެ ހައްޤު ނިގުޅައިގަތުމަށް ހިންގާފައިވާ ނާއިންސާފު އަދި ހީލަތްތެރި އަމަލެއް ކަމަށެވެ. އަދި އެކަން ބަލައިނުގަނެވޭނެ ކަމަށް ބުނެފައިވެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހުއެވެ.