Last Updated: July 27, 13:53
Monday, July 27, 2026
މުނިފޫހިފިލުވުން

ސަނީގެ "ގަދަރު 2" ގެ ޕޯސްޓަރެއް

ސަނީ ޑިއޯލްގެ "ގަދަރު 2" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.

މި އަހަރުގެ އޮގަސްޓް 11 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ ސަނީއާ އެކީ ޑައިރެކްޓަރު އަނިލް ޝަރުމާ 2001 ގައި ގެނެސްދިން "ގަދަރު: އޭކް ޕްރޭމް ކާތާ" ގެ ސީކްއެލް އެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަދަރު 2" ގައި ވެސް ބަތަލާގެ ރޯލު ކުޅެފައި ވަނީ އަމީޝާ ޕަޓޭލް އެވެ.

ކުރީގެ ފިލްމުގައި ސަނީ އާއި އަމީޝާގެ ދަރިފުޅު ރޯލުކު ކުޅުނު ކުޑަކުއްޖާ، އުތުކާޝް ޝަރުމާ އާ ފިލްމުން ބޮޑު މީހެއްގެ ގޮތުގައި ފެންނާނެ އެވެ. އުތުކާޝް އަކީ ފިލްމުގެ ޑައިރެކްޓަރުގެ އަނިލްގެ ދަރިއެކެވެ. މިހާރު އުމުރުން 28 އަހަރުގެ އުތުކާޝް ލީޑް އެކްޓަރެއްގެ ގޮތުގައި "ޖީނިއަސް" ކިޔާ ފިލްމަކުން 2018 ގައި ބޮލީވުޑަށް ނެރުނެވެ. އެ ފިލްމަކީ ވެސް އަނިލް ޑައިރެކްޓްކުރި އެއްޗެކެވެ.

"ގަދަރު 2" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ދުވަހަކީ ރަންބީރް ކަޕޫރްގެ "އެނިމަލް" ވެސް ރިލީޒްކުރަން އޮތް ދުވަހެވެ.