Last Updated: June 9, 13:32
Tuesday, June 9, 2026
ޚަބަރު

ގޯތި ދޫކުރާ ސަރަހައްދުގެ ބިން ސާފުކޮށްފި

މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ބިން ސާފު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން، މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕްލޮޓްތައް ކްލިއާކޮށް، ގޯތި ކަނޑައެޅުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިއަދު ހައުސިންގް މިނިސްޓްރީއާއިއެކު އެޗްޑީސީން ވަނީ މަސައްކަތް ކޮށްފައެވެ.

އަދި ހުޅުމާލެގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ އެޗްޑީސީއާއި ހައުސިންގ މިނިސްޓްރީން ކުރިއަށްގެންގޮސްފައެވެ.

އެޗްޑީސީން ބުނެފައިވަނީ ޕްލޭނިންގ މިނިސްޓްރީއާއިއެކު ކުރެވެމުންދާ މަސައްކަތުގައި ހުޅުމާލެ ފޭސް 2ގެ އެކި ސަރަހައްދުތައް ހިމެނޭހެން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ޕްލޭނުގައި އެކުލަވާލާފައިވާ ކަމަށެވެ.

މީގެއިތުރުން މި ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ލިސްޓު އަންނަ މާޗު މަހު އާންމުކޮށް އިއުލާންކުރަން ނިންމާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ.

އެ ސަރަހައްދުގައި މިހާރު ކުރެވެމުންދަނީ ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް ކަމަށާއި، މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޑިސީން މައުލޫމާތުދެވެ. އެގޮތުން މި ސަރަހައްދުގައި ޔުޓިލިޓީގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށެވެ.