Last Updated: April 25, 22:42
Thursday, April 25, 2024
މުނިފޫހިފިލުވުން

"ޕަތާން" އަށް ރެކޯޑް ފެށުމެއް

އިއްޔެ ސިނަމާތަކަށް ދޫކުރި ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" ރިލީޒްކުރި ދުވަހު އެކަނި ރެކޯޑް އާމްދަނީއެއް ހޯދައިފި އެވެ.

ހިންދީ ބަހުގެ އިތުރުން ތަމަޅަ އާއި ތެލެގޫ ބަހުން ވެސް ޑަބްކޮށްގެން ދައްކަމުން އަންނަ ފިލްމަށް އިންޑިއާ އިން އިއްޔެ އެކަނި 55 ކްރޯޑް ރުޕީސް (6.13 މިލިއަން ޑޮލަރު) ލިބިފައިވާ އިރު، އިންޑިއާގެ ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީއާ އެކީ ފުރަތަމަ ދުވަހު ފިލްމަށް ވަނީ ޖުމްލަ 106 ކްރޯޑް ރުޕީސް (13 މިލިއަން ޑޮލަރު) ލިބިފަ އެވެ.

މިއާ އެކީ މި ފިލްމުވެފައި ހިންދީ ފިލްމަކަށް މި ވަރުގެ އާމްދަނީއެއް ފުރަތަމަ ދުވަހުން ލިބުނު ފުރަތަމަ ފަހަރަށެވެ.

އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި "ޕަތާން" ގެ ފޯރި މިހާރު ވަރަށް ގަދަ އެވެ. މި ފިލްމު ރިލީޒްކުރުމުގެ ކިރިން އެކި ކަހަލަ ބަހަނާތައް ދައްކައި ފިލްމާ ދެކޮޅަށް ވަރުގަދަ އެންޓި-ކެމްޕޭންތަކެއް އިންޑިއާގައި ކުރި ނަމަވެސް ފިލްމު ރިލީޒްކޮށް ހޯދަމުން އަންނަ ބޮޑު ތަރުހީބާ އެކީ އެ ހުރިހާ ކަމެއް މިހާރު އޮތީ ހިނދިފަ އެވެ.

"ޕަތާން" އަށް ރަނގަޅު ފެށުމެއް ލިބި މި އަހަރު ބޮލީވުޑްގެ އެންމެ ބޮޑު އެއް ހިޓަށްވާނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ އިރު، މި ފިލްމަށް ބެލުންތެރިން ދޭ ޝައުގާއި ލޯތްބާއި މުޅި ބޮލީވުޑް މިހާރު އޮތީ ހިނިތުންވެފަ އެވެ. ފަހަކަށް އައިސް އެ އިންޑަސްޓްރީގެ ފިލްމުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ފިލްމުތަކާ ދެކޮޅަށް ކެމްޕޭން ކުރުމާއި ބޮލީވުޑް ބޮއިކޮޓްކުރަން ގޮވުމުގެ އިތުރަށް މިހާރު ބައިނަލްއަގުވާމީ މައިދާނުގައި ވެސް ވަރުގަދަކަން ދައްކަމުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީއާ ބޮލީވުޑް އަޅާކިޔުމުގެ މައްސަލަތައް ވަރަށް ބޮޑެވެ.

މިކަމާ ހެދި ބޮލީވުޑް އޮތީ ވަރަށް ބޮޑު މާޔޫސީއެއްގެ ތެރޭގަ އެވެ. އެކަމަކު ބޮލީވުޑްގެ "ކިންގް ޚާން" ފަސް ވަރަކަށް އަހަރުގެ މެދުކެނޑުމަޖަށް ފަހު، އެނބުރި އައި ފިލްމުން މުޅި އިންޑަސްޓްރީ އަށް ހިނިތުވުން ގެނެސްދީފައިވާ އިރު، ޝާހްރުކަށް ވަރަށް ގިނަ ފިލްމީ ތަރިން އަންނަނީ މަރުހަބާ ވެސް ކިޔަމުންނެވެ.

"ޕަތާން" އަކީ 57 އަހަރުގެ އެކްޓަރުގެ ކެރިއަރުގެ ފުރަތަމަ އެކްޝަން ތުރިލާ އެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމް ވެސް ހިމެނެ އެވެ. މި ފިލްމުގެ ރިވިއުތައް ވަރަށް ޕޮޒިޓިވްކޮށް އައުމާއި ރޭޓިންތައް ވެސް ވަރަށް މަތީގައި ހުރުމާ އެކީ "ޕަތާން" މިހާރުވެފައި އޮތީ ބޮލީވުޑް އުފާކޮށް ދިން "ޖާދުލަކަށްވެފަ" އެވެ.

މިހާރު ދެން ގިނަ ބަޔަކު އެންމެ ބަލަން ބޭނުން ވަނީ ފިލްމު އާމްދަނީގެ ރޭހުގައި ހޯދާނެ ކުރިއެރުމަކީ ކޮބައިތޯ ބެލުމެވެ. "ޕަތާން" ހަދާފައި ވަނީ 250 ކްރޯޑް ރުޕީސް (31 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.