Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލައިފި

އައްޑޫ ސިޓީގައި އޮންނަ ޝަންގްރިއްލާ ރިސޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑާ ދިމާކޮށް 2020 ގެ މެދުތެރޭގަ އެވެ. ދެހާސް އަށެއްގައި ހުޅުވި އެ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ.

މިރޭ އައްޑޫގައި ބޭއްވި "އިބޫ 2023" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޝަންގްރިއްލާ ހިންގުމަށްޓަކާ ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން މިހާރު ވާނީ ކޮށްފައި ކަމަށާއި ޝަންގްރިއްލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.

"އެކަން މިހާރު ފާސްކޮށް ނިންމާ ޝަންގްރިއްލާގެ ވެރިންނަށް މިހާރު ވާނީ އަންގާފައި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޝަންގްރިއްލާ ހިންގާ ފަރާތްތަކުން އެކަމާ މެދު އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމެއް ނިންމަންޖެހޭނެ ކަމަށެވެ. އެގޮތުން އޮގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ޝަންގްރިއްލާ ހުޅުވޭ ވަރަށް މަސައްކަތް ކުރާނެ ކަމަށް އަންގާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވި އިރު ޝަންގްރިއްލާ ގަންނަން ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރިއޯލޯ އިން ޝައުގުވެރިކަން ފާޅުކޮށް އެކަމަކުގެ މަޝްވަރާތަކެއް މިހާރު ކުރިއަށްދާކަން ސަރުކާރުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ޝަންގްރިއްލާ ވިލިގިލި ރިސޯޓް ތަރައްގީކުރި ކުންފުނި އައްޑޫ އިންވެސްޓްމަންޓްގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮވެ އެވެ.

ރާއްޖޭގައި މިހާރު ވެސް ރިސޯޓްތަކެއް ހިންގަމުން އަންނަ ރިއޯލޯ އިން ޝަންގްރިއްލާ ގަންނަން މަސައްކަތްކުރާ އިރު، އެ ކުންފުންޏަ މަންޓާ އެއާލައިން އޮޕަރޭޓްކުރާ ކުންފުނި ވެސް މެ އެވެ. ރިއޯލޯގެ ދަށުން ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ ނަމުގައި އެ ހިންގާ ރިސޯޓްތަކުގެ ތެރޭގައި ދ. ކަނޑިންމަ ރިސޯޓާއި ބ. ނޮޓިލަސް އަދި އދ. ވަކަރުފަޅީގައި ހިންގާ ނޯވާ ރިސޯޓް ހިމެނެ އެވެ.