ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަހުގެ މިދިޔަ އަހަރުގެ ޝިޔާރާ ގުޅޭގޮތުން ޚާއްޞަ މަސައްކަތްތަކެއް ކޮށްފައިވާ 05 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ މެރިޓް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މި ސެޓްފިކެޓްތަށް ދީފައިވަނީ ދުނިޔޭގެ ކަސްޓަމްސް ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފްއެވެ. ކޮމިޝަނަރ ޖެނެރަލްގެ ވާހަކަފުޅުގައި ޓެކްނިކަލް އެކްސްޕާޓުންތަކެއް ކަނޑައެޅިގެންދިއުމަކީ، ވިޔަފާރިއަށްފަހި މާހައުލެއް ޤާއިމްކުރުމަށްޓަކައި ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރުވެގެންދިޔަ މުހިއްމު ބޮޅެއްކަމުގައި ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކަސްޓަމްސް ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ފާހަގަ ކުރަނީ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހެވެ. މި ދުވަހާއި ގުޅިގެން މިދިޔަ އަހަރު ކަނޑައެޅި ޝިއާރަކީ " ޑޭޓާއަށް ފަހި ވެއްޓެއް ޤާއިމް ކުރުމަށް ޑޭޓާ ސަޤާފަތެއް އަށަގަންނަވައިގެން، ކަސްޓަމްސްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގައ ކުރިއަށް ދިއުން " އެވެ. މި ޝިއާރުގެ ދަށުން ދިވެހި ކަސްޓަމްސް އޮފިސަރުންގެ ތެރެއިން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ 5 އޮފިސަރަކަށް ދުނިޔޭގެ ކަސްޓަމްސް ޖަމީއްޔާގެ މެރިޓް ސެޓްފިކެޓް ދީފައިވެއެވެ.
މި ސެޓްފިކެޓް ދިނުމުގައި ބަލާފައިވަނީ ކަސްޓަމްސްގައި ޑޭޓާ ކަލްޗަރއެއް ޤާއިމްކޮށް، ނިންމުންތަށް ނިންމުމުގައި ޑޭޓާގެ ބޭނުން ހިފައި އަދި ރާއްޖެ އަދި ބައިނަލްއަޤްވާމީ މުވައްސަސާތަކާއި ޑޭޓާ ބަދަލުކޮށް، ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރި ފަރާތްތަކަށް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިރަސްމީއްޔާތުގައި، މުދާ ގިންތިކުރުމުގެ މަރުހަލާގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް، ޢިލްމާއި ތަޖުރިބާ ލިބިފައިވާ ގާބިލް އޮފިސަރުން އުފެއްދުމުގެ މަޤްސަދުގައި ހާމަނައިޒްޑް ސިސްޓަމްގެ ދާއިރާއިން ލޯކަލް އެކްސްޕާޓުންގެ ގޮތުގައި ކަނޑައެޅުނު 19 އޮފިސަރުންނަށް ސެޓްފިކެޓް ވަނީ ދެވިފައެވެ. މީގެ ސަބަބުން ރާއްޖެ ގެނެވޭ މުދާތައް ގިންތި ކުރުމުގައި، ވިޔަފާރިވެރިންނާއި އާންމުންނަށް ޖަވާބު ދިނުމުގައި އަވަސް ނިޒާމެއް ޤާއިމް ކުރެވި، ޙިދުމަތް އަވަސް ވެގެން ދާނެއެވެ.

އީއްޔެ ބޭއްވި ރަސްމީއްޔާތުގައި ކަސްޓަމްސްގެ ވާޗުއަލް ލައިބްރަރީ ވަނީ ލޯންޗުކޮށްފައެވެ. މި ލައިބްރަރީގައި މިހާރު ކަސްޓަމްސް ލައިބްރަރީގައި ހުރި ފޮތްތަކުގެ އިތުރުން، ޓްރެއިނިންގް މެނުއަލްތަކާއި، ކަސްޓަމްސް ދައިރާގެ ކޮމްޕެންޑިއަމްތައް ލިބެން ހުންނާނެއެވެ.
މިރަސްމީއްޔާތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ ދިވެހި ރާއްޖޭގެ ކަސްޓަމްސް ތަރީހާއި ގުޅޭ ފޮތެއް ތައްޔާރު ކުރެވެމުންދާކަން ހާމަކޮށް، މިއީ މިއަހަރުގެ ޝިއާރައި ގުޅުވައި ކުރެވޭނެ އެންމެ މުހިންމު އެއްކަން ކަމުގައި ފާހަގަކޮށްފައެވެ.