Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހޮސްޕިޓަލް ސަރަހައްދުން ނެގި ގޯތިތަކަށް ހައްލެއް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ސަރަހައްދުން ނެގި ގޯތިތަކުގެ މައްސަލަ އަންނަ ހަފުތާގައި ހައްލުކޮށް ދެއްވާނެ ކަމަށް އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނަ މިކަން ހިއްސާކުރެއްވީ އެމްޑީޕީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ކެމްޕެއިން ނިންމާލުމަށް އައްޑޫގައި ރޭ ބޭއްވި ޖަލްސާގަ އެވެ. ނިޒާރު ވިދާޅުވީ، އައްޑޫގެ ތަރީޙުގައިވެސް އެއްފަހަރާއި އެންމެ ގިނަ ގޯތި ދޫކުރުމަށް ހުޅުވާލެވުނީ މި ފަހަރު ކަމަށެވެ. އެގޮތުން ފޭދޫ އަދި ހުޅުދޫމީދޫން 500 ގޯތި އަދި ހިތަދޫން 500 ގޯތި ދޫކުރުމަށް ކައުންސިލުން މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީ ކައުންސިލުން އޭއީއެޗް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަށް ނެގުމަށް ނިންމީ އެ ސަރަހައްދު ތަރައްޤީ ކުރުމަށް ނަމަވެސް، ޤާނޫނުގައިވާ އަދުލުވެރި ބަދަލަކާއި މެދު ދޮޅު އަހަރު ވެގެން ދިޔައިރުވެސް ކޯޓު މެދުވެރިކޮށް ވެސް ގޮތެއް ނިމިފައި ނުވާ ކަމަށެވެ.

މިކަމުގެ ސަބަބުން ކައުންސިލަށް ވެސް އަދި އެ ފަރާތްތަކަށްވެސް ވީ ފައިދާއެއް ނެތްއިރު އެމްޑީޕީގެ ކެމްޕެއިންތަކަށް ވެސް މިކަމުގެ ހިޔަނި އެޅި ރައްޔިތުންގެ ނުރުހުން ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

މިއާއެކު ރައީސް އާއި ސަރުކާރުގެ ވަޒީރުންނާއި ކައުންސިލަރުންނާއި އެކު މަޝްވަރާ ކުރުމަށް ލިބުނު ލަފާގެ މަތިން މި މައްސަލައަށް އަންނަ ހަފްތާ ތެރޭ ގޯތިތަކުގެ ވެރިފަރާތްތަކުން ހިތްހަމަ ޖެހޭ ފަދަ ބަދަލެއް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ކައުންސިލުން އެ ސަރަހައްދުން 44 ގޯތި ނެގުމަށް ނިންމައި، އެއްވެސް މަސައްކަތެއް ނުކުރުމަށް އެންގިއެވެ. ނަމަވެސް އެ މައްސަލާގައި ކައުންސިލުން ދޭން ބޭނުންވި ބަދަލާ މެދު ހިތްހަމަ ނުޖެހުނު ފަރާތްތަކުން، ގޯތި ނެގުން ހުއްޓުވުމަށް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.