Last Updated: March 29, 02:52
Thursday, March 28, 2024
ކުޅިވަރު

ސައުދީ ކަޕުން ރޮނާލްޑޯގެ ޓީމް ކަޓައިފި

އަލް އިއްތިހާދު އަތުން 3-1 އިން ބަލިވެ ސައުދީ ސުޕަ ކަޕުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރު ކަޓައިފި އެވެ.

ސައުދީގެ ކިންގް ފަހްދް އިންޓަނޭޝަނަލް ސްޓޭޑިއަމުގައި ރޭ ކުޅުނު މި މެޗުގައި ވެސް އަލް ނަސްރު ޓީމުގެ ކެޕްޓަންކޮށްފައިވަނީ ރޮނާލްޑޯ އެވެ. މިއީ ރޮނާލްޑޯ އެޓީމަށް ކުޅެދިން ދެވަނަ މެޗެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ރަނގަޅު ކުޅުމެއް ދެއްކި އަލް އިއްތިހާދުންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓްގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮމާރީނޯ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އަބްދުއްރައްޒާގު ހަމްދުﷲ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މެޗުގެ 67 ވަނަ މިނެޓްގައި ޓަލިސްކާ އަލް ނަސްރު ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މުހައްނަދު އަލް ޝަންގީތީ ވަނީ އިއްތިހާދު ޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ފައިނަލުން އެޓީމަށް ޖާގަ ކަވަށަރުކޮށްދީފަ އެވެ.

އަންނަ އާދީއްތަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި އަލް އިއްތިހާދު ނިކުންނާނީ އަލް ފެއިހާއާ ދެކޮޅަށެވެ.