Last Updated: April 25, 21:20
Thursday, April 25, 2024
މުނިފޫހިފިލުވުން

މަސާބާ އަނެއްކާ ވެސް ކައިވެނިކޮށްފި

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކުރި އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަސާބާ ގުޕްތާ އަނެއްކާ ވެސް ކައިވެނިކޮށްފި އެެވެ.

އޭނަ އާއި އެކްޓަރު ސަތިއަދީޕް މިސްރާ ކައިވެނިކުރީ މިއަދެވެ. ކައިވެނީގެ ހަފުލާ ބޭއްވީ ދެ ފަރާތުގެ އާއިލާގެ މީހުންނަށް ހާއްސަކޮށްގެންނެވެ. މި ފަހުން ބޮލީވުޑުން ގިނަ ފުރުސަތަކެއް ލިބެމުން އަންނަ ދުވަސްވީ، ބިޒީ ބަތަލާ ނީނާ ގުޕްތާ، 63، ގެ ހަމައެކަނި ދަރިފުޅު މަސާބާ އާއި ސަދިއަދީޕް ކައިވެނިކުރި އިރު މިދިޔަ އަހަރުގެ "ވިކްރަމް ވޭދާ" ގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރަކީ ބަތަލާ އަދިތީ ރާއޯ ހައިދަރީގެ ކުރީގެ ފިރިމީހާ އެވެ.

ސަދިއަތީޕާއި އަދިތީ 2009 ގައި ކުރި ކައިވެނި ރޫޅުނީ 2013 ގަ އެވެ.

އިންޑިއާގެ މިހާރުގެ އެންމެ ނުފޫޒު ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނޭ މަސާބާގެ ލައިފްސްޓައިލް ދައްކުވައިދޭ ސީރީޒެއް ދެ ސީޒަނަކަށް "މަސާބާ މަސާބާ" ގެ ނަމުގައި ނެޓްފިލްސް އިން ގެނެސްދީފައިވެ އެވެ. އޭނަ ކުރިން ކައިވެނިކުރީ ފިލްމު ޕްރޮޑިއުސަރު މަދޫ މަންޓޭނާއާ އެވެ. ދެހާސް ފަނަރައިގެ އެ ކައިވެނީ ރޫޅުނީ 2019 ގަ އެވެ.

ހޮލީވުޑްގެ އެންތޮލޮޖީ ސީރީޒް "މޮޑަން ލަވް" ގެ ހިންދީ ވާޝަން މިދިޔަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން އިރު އޭގެ ސެގްމަންޓަކުން ވެސް މަސާބާ ފެނިފައިވެ އެވެ. އޭނަ ވަނީ އެމްޓީވީގެ 2019 ގެ "އެމްޓީވީ ސުޕަ މޮޑެލް އޮފް ދި އިޔާ" ގައި ޖަޖެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.