Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ސިޓީ އަތުން ބަލިވެ އާސެނަލް ކަޓައިފި

މެންޗެސްޓާ ސިޓީ އަތުން 1-0 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕުން އާސެނަލް ކަޓައިފި އެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ލީޑު ނަގަން އާސެނަލް އަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ޓޮމިއާސޫ އަދި ޓްރޮސާޑް ފޮނުވާލި ހަމަލާތައް ދިފާއުކުރީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސިޓީގެ ގޯލްކީޕަރު ސްޓެފަން އޮޓޭގާ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ސިޓީ އަށް މެޗުގެ 64 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަކޭ އެވެ. އަކޭ މި ގޯލު ކާމިޔާބު ކުރީ އާސެނަލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވެ ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއާ އަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ސިޓީ އާއި އާސެނަލް އަކީ މިފަހަރުގެ ޕްރިމިއާ ލީގަށް އެންމެ ބޮޑަށް ވާދަކުރާ ދެ ޓީމު ކަމަށްވާއިރު ރޭގެ މެޗުގައި ދެ ޓީމުގެ ވެސް މުހިއްމު ދެ ކުޅުންތެރިއަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯންސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވިއިރު އާސެނަލްގެ މުހިއްމު މިޑްފީލްޑަރު ތޯމަސް ޕާޓޭގެ މޭކަށިގަނޑަށް ވަނީ އަނިޔާވެފަ އެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރަށް ސިޓީ ދަތުރުކޮށްފައިވާއިރު އެ ބުރުގައި ސިޓީ ބައްދަލުކުރާނެ ޓީމެއް އެނގޭނީ އަންނަ ހޯމަ ދުވަހު ނަގާ ގުރުއަތުލުމުންނެވެ.