މިއަދު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށަން ތައްޔާރުވެއްޖެ އެވެ.
މި އިންތިހާބުގެ ހުރިހާ ތައްޔާރީތަކެއްވެ ނިމިފައިވާ އިރު، ވޯޓްލުން 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ޕްރައިމަރީގައި 200 އަށް ވުރެ ގިނަ ވޯޓް ފޮށި ބަހައްޓާނެ އެވެ. މީގެ ތެރެއިން 49 ފޮށި ހުންނާނީ މާލެ ސަރަހައްދުގަ އެވެ. ދެން ހުރި ހުރިހާ ވޯޓްފޮށިތަކެއް ހުންނާނީ އަތޮޅުތެރޭގަ އެވެ.
ޕްރައިމަރީގެ ވޯޓްލުން ހުރިހާ ހިސާބެއްގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނި ސްކޫލްތަކުގަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި އެމްޑީޕީގެ 57،257 މެމްބަރުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވެ އެވެ.
މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުން ވެސް ޕްރައިމަރީ އަށް ވަރަށް ވާދަވެރިކޮށް، ފޯރިގަދަ ކެމްޕޭންތަކެއް ވެސް ކުރިއަށް ގެންދެވި އެވެ. އަދި ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ ކޮންމެ ބޭފުޅަކު ވެސް ޕްރައިމަރީ ކާމިޔާބުކުރައްވާނެ އެވެ.

ޕްރައިމަރީގެ ވޯޓުލުން ގާތްވަމުންނަ އިރު، ނަޝީދުގެ ފަޅިން ވެސް އިންތިހާބު އޮޅުވާލައި މަކަރު ހަދަން އުޅޭކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ. ނަމަވެސް ރައީސް ސޯލިހުގެ ފަޅިން އެކަން ދޮގުކޮށް، އެފަދަ ކަމަކަށް ފުރުސަތެއް ނޯންނާނެ ކަމަށާއި ޕްރައިމަރީ ކުރިއަށް ދާނީ ދެފުށް ފެންނަ ގޮތަށް ވަރަށް އިންސާފުވެރިކަމާ އެކު ކަމަށް ބުނެފައިވެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަށް މުޅި ރާއްޖޭގެ ސަމާލުކަން އޮތީ ހުއްޓިފަ އެވެ.