Last Updated: June 23, 10:04
Tuesday, June 23, 2026
ޚަބަރު

މިއަދުގެ ޕްރައިމަރީގައި ވެސް ހާވާނީ ހަޑި: ޝިޔާމް

އެމްޑީޕީން މިއަދު ބާއްވާ ރިޔާސީ ޕްރައިމަރީގައި ވެސް ހާވާނީ ހަޑި ކަމަށާއި އެކަމަށް އިދިކޮޅުގެ އެއްވެސް ޝައުގެއް ނެތް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރާ އެލެކްސް އަހުމަދުގެ ޓްވީޓެއްގެ ރައްދުގައި ނައިފަރުގެ ދާއިރާގެ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމުގައި "ޑިމޮކްރެޓިކް" ޖަހައިގެން އެމްޑީޕީން މިއަދު ވެސް ހާވާނީ ހަޑިކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެލެކްސް އަހުމަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިހާރު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް އިސްތިއުނާފުކުރުން އެމްޑީޕީގެ ޕްރައިމަރީ ނިމެންދެން މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި އެއީ ނަޝީދަށް ޕްރައިމަރީ ކާމިޔާބުކުރެއްވޭނެކަމުގެ އުންމީދުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ ރައްދުގައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލައިގެ ތެރެއަށް އަތް ބާނައި ނުފޫޒު ފޯރުވައި އެ މަނިކުފާނަށް އަނިޔާވެރިވާ ފަރރާތްތައް އިދިކޮޅުން އޮޅިގެން ނޫޅޭ ކަމަށެވެ.

"އެ ވޯޓަކަށް ޝައުގެއް ނެތް. ނަމުގައި ޑިމޮކްރެޓިކް ޖަހައިގެން މާދަމާ ވެސް ހާވާނެ ހަޑި އެނގޭ،" އޭނާ ވިދާޅުވި އެވެ. "ސެޕްޓެމްބަރު ނުވައެއްގައި ރައްޔިތުން މި ގައްދާރުން ވެރިކަމުން ބާލާނެ."

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.