Last Updated: April 25, 18:10
Thursday, April 25, 2024
މުނިފޫހިފިލުވުން

އާލިއާ ގޮވައިގެން ކަރަން ދާނީ ކަޝްމީރަށް

ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ޝޫޓް ނުކުރެވި ބާކީ އޮތް ހަމައެކަނި ލަވައިގެ ޝޫޓިން މިހާރު ޔޫރަޕްގެ ބަދަލުގައި އިންޑިއާގެ ކަޝްމީރުގައި ޝޫޓްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ ކަރަން އައިޑޮލްއެއްގެ ގޮތުގައި ދެކޭ ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ޓްރިބިއުޓެއް ދޭން ފިލްމުގައި ހިމަނަން ނިންމީ ލޯބީގެ ހިތްގައިމު ލަވައިގެ މަންޒަރުތައް ކުރިން ނިއު ޒީލެންޑްގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން ހިސާބުތަކުގައި ނަގަން ނިންމި ވެސް އެ ޕްލޭން ބަދަލުކޮށް މިހާރު ނިންމާފައި އޮތީ އަންނަ މަހުގެ ތެރޭގައި ކަޝްމީރުގެ ހިތްގައިމު ވާދީތަކުގައި ލަވަ ޝޫޓްކުރާށެވެ.

މިގޮތަށް ނިންމީ ބަތަލާ އާލިއާ ދަރިފުޅު ދޫކޮށްލާފައި ދިގު ޝެޑިއުލްއަކަށް ގައުމުން ބޭރަށް ދާން ބޭނުން ނުވާތީ ކަމަށް ބޮލީވުޑް ހަންގާމާ އިން ބުންޏެވެ. އާލިއާ އާއި ފިރިމީހާ ރަންބީރް ކަޕޫރަށް ދަރިޔަކު ލިބުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 6 ގަ އެވެ.

އާލިއާ އާއި ރަންވީރު ސިންގް ލީޑް ރޯލުން ފެންނާނެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެންމެ ލަވައެއް ފިޔަވައި އެހެން ހުރިހާ މަންޒަރެއް ނަގައި މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ. އަދި ލޯބީގެ ލަވައިގެ ޝޫޓިން ފަސްކުރަން ޖެހުނީ އާލިއާ ބަލިވެއިނުމާ ގުޅިގެންނެވެ. އެހެންވެ ބަލިވެއިނުމާ ގުޅިގެން ހަށިގަނޑަށް އައި ބަދަލު ދުއްވައިލަން ވިހެއުމަށް ފަހު އާލިއާ މަސައްކަތް ފެށި އެވެ. އޭނަ މިހާރު ހުރީ ފިލްމުގެ ޝޫޓިން ފެށި އިރު، ހުރި ބައްޓަމަށް އިޔާދަވެފަ އެވެ. މި ލަވައިގެ ޝޫޓިން ވާނީ ވިހެއުމަށް ފަހު އާލިއާ ކުރާ ފުރަތަމަ ފިލްމީ މަސައްކަތަށެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ލަވަ ކަޝްމީރުގައި ޝޫޓްކުރާ ގޮތަށް ނިންމި އިރު، އާލިއާ ބޮލީވުޑަށް ނެރުނު ކަރަންގެ 2012 ގެ ފިލްމު "ސްޓޫޑެންޓް އޮފް ދި އިޔާ" ގެ ލަވައެއް ވެސް އެތަނުގައި ޝޫޓްކުރި އެވެ. އެއީ އެ ފިލްމު "އިޝްގްވާލާ ލަވް" އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އެޕްރީލް 28 ގަ އެވެ. މީގެ ކާސްޓްގައި ދަރުމެންދުރާ އާއި ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ.