Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ފުލުހުންގެ މައްޗަށް އަބުރުގެ ދައުވާކޮށްފި

ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންތަކަކާ އެކީ އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި މިހާރު ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރްގެ ވީޑިއޯތައް ދައުރުކޮށް، އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ އަމަލުތަކެއް ހިންގި ކަމަށް ފުލުހުން ހައްޔަރުކޮށް، ފަހުން ދޫކޮށްލި މީހަކު ފުލިހުންގެ މައްޗަށް އަބުރުގެ ދައުވާކޮށްފި އެވެ.

ބްލެކްމެއިކުރި ކަމަށް ފުލުހުން ތިން މީހެއްގެ ވަނަވަރު ހާމަކޮށް، ހައްޔަރުކުރި އެވެ. އަދި އެ މީހުންގެ ކުށް ސާބިތުކުރެވޭ ވަރގހެ ހެކި ނެތިގެން ދޫކޮށްލި އެވެ. އެ ތިން މީހުންގެ ފުލުހުންގެ މައްޗަށް އަބުރުގެ ދައުވާކުރީ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އައި ށ. ފުނަދޫ ސީސްޓާ، މައުމޫން މޫސާ، 41، އެވެ.

އޭނައާ އެކީ ހައްޔަރުކުރި އަނެއް ދެ މީހުންނަކީ ބ. ދަރަވަންދޫ އަކިރި ހަމްދޫން އަބްދުﷲ، 37، އާއި އެ ރަށު ހީމަ މުހައްމަދު މިހާދު މުސްތޮފާ، 24، އެވެ.

ފުލުހުންގެ މައްޗަށް މައުމޫން އަބުރުގެ ދައުވާކުރީ އަބުރު ގެއްލުމުގެ ބަދަލު ވެސް ނަގައި ދިނުމަށް އެދި އެވެ. އެގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ފުލުހުން އޭނަގެ ފޮޓޯ އާއި ވަނަވަރު އާންމުކުރުމަކީ އަބުރު ނަގައިލަން ކުރި ކަމެއް ކަމަށް ކަނޑައަޅައި ދީ އެކަމަށް މާފަށް އެދި، އަދި މާލީ ބަދަލުގެ ގޮތުގައި 238،777،416ރ. ނަގައި ދިނުމަށެވެ.

މައުމޫންގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވި ނަމަވެސް، ހެއްކާއި ގަރީނާ ލިބިފައި ނެތުމުން އެ މައްސަލަ ކުރިއަކަށް ނުގެންދެ އެވެ. އެހެންވެ މައުމޫން ވަނީ ފުލުހުންގެ ޓްވިޓާ އާއި ވެބްސައިޓުގައި އާންމުކުރި އޭނަގެ ވަނަވަރާއި ފޮޓޯ ނަގައިދީ، މާފަށް އެދުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ސިޓީއެއް ވެސް ފޮނުވައިފަ އެވެ. ސިޓީގައި ބުނެފައި ވަނީ އޭނަގެ މައްޗަށް ކުރި ދޮގު ތުހުމަތުގެ ސަބަބުން އާންމުން އޭނާއާ މެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެ، ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށެވެ.