Last Updated: March 28, 21:55
Thursday, March 28, 2024
ދުނިޔެ

އޯކްލެންޑް ފެނު އަޑީގައި

ބޯކޮށް ވާރޭ ވެހި ނިއު ޒީލެންޑްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލެންޑްގައި ފެންބޮޑުވެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި އެވެ.

ފެންބޮޑުވުމުގެ އާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވެ އެވެ. އެގޮތުން ގެތަކަށް ވެސް ފެން ވަދެ، ބޮޑެތި ގެއްލުންތަކެއްވެފައިވާ އިރު، ގެތަކުން މީހުން ބަދަލުކުރަން ވެސް ޖެހިފައިވެ އެވެ. މީޑިއާތަކުން ބުނި ގޮތުގައި ފާއިތުވި 20 ގަޑިއިރު ތެރޭގައި އޯކްލޭންޑަށް ވަރަށް ބޮޑަށް ވާރޭ ވެހިފައިވެ އެވެ. އަދި މީގެ ސަބަބުން މިހާތަނަށް އެކަކު މަރުވެފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މިކަމާ ގުޅިގެން އޯކްލެންޑްގެ މޭޔަރު ވޭން ބްރައުން ވެސް ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އެ ސިޓީގެ ހާލަތު ބެއްލުމަށް މިދިޔަ ހަފުތާގައި ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ކްރިސް ހިޕްކިންސް މިއަދުގެ ވަގުތެއްގައި އޯކްލެންށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

ނިއު ޒީލެންޑްގެ އަސްކަރިއްޔާ އިން މިހާރު އަންނަނީ ފެންބޮޑުވުމުގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ގައުމުގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓާ އެންޑް އެޓްމޮސްފެރިކް ރިސާޗް (އެންއައިޑަބްލިއުއޭ) އިން ލަފާކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ކުރަމުން އަންނަ ވިއްސާރަ ކުރިއަށް އޮތް ފަސް ދުވަހަށް ދެމިގެން ދާނެ އެވެ.